04 May 2014, 12:02
ނޫސްވެރިކަމުގެ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި މި ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެެރިންނާ މުހާތަބުކުރައްވައި އެއްޗެއް ވިދާޅުނުވުމާއި ރޭ މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ޖާނަލިޒަމް އެވޯޑް 2013ގެ ހަފްލާ އަށް ރައީސް ވަޑައިގެންފައިނުވުމުން އެ ދާއިރާގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒުވަމުން އެވެ.
ރައީސް އޮފީހުގެ ތަރުޒަމާނު އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްވެރިންގެ ދުވަހާ ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނަކީ އޭނާގެ އަމިއްލަފުޅު ވިސްނުންފުޅު ނުވަތަ ނިންމުން ނޫން ކަމަށެވެ. އަދި އެ ނޫސްބަޔާނުގައިވާ ހުރިހާ ވާހަކައަކީ މިސަރުކާރުގެ ވިސްނުމާއި ސަރުކާރުގެ ބަސް ކަމަށެވެ.
ނޫސްވެރިންގެ ދުވަހާ ގުޅިގެން ސީދާ ރައީސްގެ "ހިތާބެއް" ނެރުއްވާފައި ނުވި ނަމަވެސް މިސަރުކާރުން ނޫސްވެރިންނަށްދޭ އަހަމިއްޔަތުކަން ކުޑަވެގެން ނުދާ ކަމަށާއި އެކަން އިއްޔެގެ ނޫސްބަޔާނުން ވެސް ޔަގީންކޮށްދީފައިވާ ކަން މުއާޒު ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ހިތާބުތައް ދެއްވާ ހައްދަވަނީ މައިގަނޑުގޮތެއްގައި ގައުމުގެ ބޮޑެތި ރަސްމިއްޔާތުތަކާ ގުޅިގެން. ނޫސްވެރިންގެ ދުވަހާ ގުޅިގެން ސީދާ ރައީސްގެ ހިތާބެއް ނެތުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން. ނޫސްވެެރިންގެ ދުވަހު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނަކީ މި ސަރުކާރުގެ ނިންމުމެއް. ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސް ކަމުގައިވާއިރު ރައީސް އޮފީހުން ދުވަހާ ގުޅިގެން ނެރުނު ބަޔާނަކީ ހަމަ ރައީސްގެ ވިސްނުންފުޅު،" މުއާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިންގެ މެދުގައި ތަފާތު ކުރުމެއް ނެތި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގަށް ސަރުކާރަށް ފުރިހަމައަށް އިޙްތިރާމް ކުރާނެ ކަމަށާއި ހަބަރުފަތުރާ ވަސީލަތްތަކަކީ މީހުންގެ އަބުރު ނަގައި މުޖުތަމައު ފަސާދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވާ ނަމަ އެކަންކަން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ޒާނަލިޒަމް އެވޯޑް 2013 ހަފްލާ އަށް ރައީސުލްޖުމްހޫރިއްޔާ އަށް ދައުވަތު ދެއްވާފައިވީ ނަމަވެސް އެމަނިކުފާނު އެތަނަށް ވަޑައެއް ނުގެންނަވަ އެވެ.
މުއާޒު ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން އެެހެން ހާލަތަކަށް ބަދަލުކުރެއްވުމުގެ މަސައްކަތުގައި ރައީސް ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު އެ ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ދައުވަތު އަރުވާފައި ވާތީ ކަމަށެވެ.
މީޑިއާ ކައުންސިލްގެ މެންބަރު އަދި އެވޯޑް ހަފްލާ އިންތިޒާމު ކުރުމަށް ކަނޑައެޅި ޓާސްކް ފޯސް ކޮމެޓީގެ ވެސް މެންބަރު މިދުހަތު އާދަމް މިއަދު ސަން އަށް ވިދާޅުވީ ރައީސަށް ދައުވަތު އަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޒަމާނާ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ރައީސްގެ ބިޒީ ޝެޑިއުލްއެއް ނެތް ކަމަށް ވިދާޅުވުމުން ކަމަށެވެ. ނަމަވެސް ދައުވަތު އެރުވުމުން އެ ދައުވަތުގެ ޖަބާވުގައި ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ އެ ދުވަސްވަރު ބިޒީކަމުން ވަޑައިގެންނެވެން ނެތް ކަމަށް އަންގަވާފައި ކަމަށެވެ. ނަމަވެސް ދައުވަތުދެއްވީތީވެ ޝުކުރުއަދާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.