ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރިންތަކެއް އުފެއްދުމަށާއި ދަރިވަރުންގެ ބަސްމޮށުންތެރިކަން ކުރިއަރުވައި ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ބޭއްވި ފުރަތަމަ ބަހުސް މުބާރާތް ނިމިއްޖެ އެވެ.

ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ދަރިވަރުންގެ ޔޫނިއަން އާއި ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ އެ މުބާރާތް ރޭ ނިމިފައިވާ އިރު، މުބާރާތުގެ އެކި ވަނަތަކަށް އައި ދަރިވަރުންނަށް ވަނީ އެވޯޑް ވެސް ހަވާލުކޮށްފަ އެވެ.

ޕޮއިންޓް އުސޫލުން ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލުގައި ރޭ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންއާ ވާދަކޮށް އެ މުބާރާތް ކާމިޔާބުކުރީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް އެވެ.

މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުން ތެރިޔާ އަށް ހޮވިފައި ވަނީ ފެކަލްޓީ އޮފް އާޓްސްގެ އަނޫޝް އެވެ. އަދި ދެ ވަނަ އަށް އެންމެ މޮޅު ބަހުސް ކުރުންތެރިޔާ އަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހާތިމް ހޮވުނު އިރު، ތިން ވަނަ އަށް އެންމެ މޮޅު ބަހުސްކުރުންތެރިޔާ އަށް ހޮވިފައި ވަނީ ފެކަލްޓީ އޮފް އާޓްސްގެ ޝާމިން އެވެ.

ހުރިހާ ކޮލެޖް ފެކަލްޓީތަކަށް ހުޅުވާލައިގެން ބޭއްވި އެ މުބާރާތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ހަ ފެކަލްޓީއަކާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އާއި މައި ކޮލެޖުން 24 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޔޫނިއަން މައުލޫމާތުދެ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އިފްތިތާހުކޮށްފައި ވަނީ 2012، ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.