04 May 2014, 10:56
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 3-2 ލަނޑުން މެޗް ކާމިޔާބުކޮށް ލީގް ތާވަލްގެ އެއް ވަނަ މަގާމަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ރޭ ސިޓީ އެވަޓަންއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ 11 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް ނެގީ އެވަޓަންއެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލީއެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ އެވަޓަންއިން ލީޑް ނެގިތާ 11 މިނެޓް ފަހުން، ސިޓީއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.
ރޭގެ މެޗުގައި ސިޓީއަށް ލީޑް ހޯދައިދިން ލަނޑު އެޓީމަށް މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯ އެވެ. އަދި ރޭގެ މެޗުގައި އެވަޓަންކޮޅަށް، ސިޓީއިން ޖެހި ތިން ވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް ޖެކޯ އެވެ.
އެވަޓަންއިން ސިޓީކޮޅަށް ރޭ ޖެހި ދެ ވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ އެވެ.
އެވަޓަން އަތުން ރޭގެ މެޗުން ސިޓީ ހޯދި ތިން ޕޮއިންޓާއެކު ތާވަލްގެ އެއް ވަނަ މަގާމްގައި ސިޓީ އޮތީ 80 ޕޮއިންޓާއެކު އެވެ. އެހެން ނަމަވެސް ހަމަ އެއަދަދަށް ޕޮއިންޓު ހަމަ ކޮށްގެން ދެ ވަނަ މަގާމް ގައި އޮތީ ލިވަޕޫލެވެ. ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ރޭގެ ސިޓީ އަތުން ބަލިވި އެވަޓަން އޮތީ 69 ޕޮއިންޓާއެކު ލީގުގެ ފަސް ވަނަ މަގާމްގައެވެ. އެހެން ކަމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އެވަޓަންއިން ކުރަމުންއައި މަސައްކަތް މިހާރު ވަނީ މުޅިން ގެއްލިފަ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ކުރީގައި ޕޮއިންޓުގެ ގޮތުން އެއްވަރު ވެގެން ސިޓީއާއި ލިވަޕޫލް މިވަގުތު އޮތް ނަމަވެސް، ކްރިސްޓަލް ޕެލެސް އަތުން ލިވަޕޫލް މޮޅެއް ހޯދި ކަމުގައި ވިޔަސް ލަނޑުގެ ތަފާތުން ކުރިއަށް ޖެހިގެން ނޫނީ ލީގު ހޯދުމުގެ އަމިއްލަ ބާރެއް ލިވަޕޫލަށް ނެތެވެ. ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗް އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ޓޮޓެންހަމް އަތުން 2-0 ލަނޑުން ވެސްޓް ހާމް މޮޅުވިއިރު، ހަލް ސިޓީ އަތުން އެސްޓަން ވިލާ މޮޅުވެފައި ވަނީ 3-1 ލަނޑުންނެވެ.
މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ސަންޑަލޭޑް މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ. މިނަތީޖާއަކީ 46 އަހަރު ފަހުން ޔުނައިޓެޑްގެ ދަނޑުގައި ސަންޑަލޭޑް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ރޭ ޔުނައިޓެޑް އަތުން ސަންޑަލޭންޑް ހޯދި ތިން ޕޮއިންޓާއެކު އެޓީމް ވަނީ ރެލިގޭޝަނުން ސަލާމަތް ވުމުގެ ފުރުޞަތު ބޮޑު ކޮށްފައެވެ.
ނިއުކާސަލް އަތުން 3-0 ލަނޑުން ކާޑިފް ސިޓީ ބަލިވެފައި ވުމުން، ކާޑިފްސިޓީ ރެލިގޭޓް ވެފައި ވާއިރު، ސްޓޯކް ސިޓީ އަތުން 4-1 ފުލަމް ބަލިވުމުން، ފުލަމް ވެސް ވަނީ ރެލިގޭޓު ވެފައެވެ.