04 May 2014, 10:44
އެކި ވަކި ނަންނަމުގައި އެކި ދުވަސްވަރު އަހަރެމެންނަކީ ގެދޮރުގެ ވެރީން ކަމުގައި ހެދުމުގެ ޕުރޮގުރާމުތައް ސަރުކާރުތަކުން ހިންގަ އެވެ. ވަރަށް ކުރިން ވެސް ހިންގި އެވެ. އެއިރު ދިނީ ގެވަޅެވެ. ދެން ކޮންމެވެސް ގޮތަކުން ބޯހިޔާވައްސެއް ކޮޅަށް ޖަހަނީ އެވެ. ފަހުން ގޯއްޗެވެ. ދެން މިހާރު ފުލެޓެވެ. ހުރިހާ ވެސް ބޭނުމަކީ އާއްމުން ނަކީ ގެދޮރުގެ ވެރިބަޔަކު ކަމުގައި ހެދުމެވެ. ކުރަމުންދާ މަސައްކަތް ކާމިޔާބުވަނީ ކިހާވަރަކަށްތޯ އުފެދޭ ސުވާލުގެ ކުރުކުރު ޖަވާބަކަށް ވާނީ އޮހެމުންދާ ޝަކުވާތަކަށް ކުޑަވެސް އެނގުމެއް ނުވެއޭ ބުނުމެވެ. ބޯހިޔާވަހިކަން ނުލިބިގެން ކުރާ ޝަކުވާ މެދުނުކެނޑޭ ކަމެވެ.
ލިޔެލަންކަމަށް މިއުޅެނީ މިކަމާ ގުޅޭ ގޮތުން ކުރެވޭ ޚިޔާލެކެވެ. ވިސްނާ ފިކުރުކުރުމުން ނުކުންނަ އިތުރު ރަނގަޅެއް ފެނިދާނެ ގޮތެކެވެ. މިހާރު ވެސް މެދުނުކެނޑި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ފަހަރެއްގައި މަގުފަހިވެދާނެ ތަދުބީރެކެވެ. މަގުމަތިވެފައި ނުވަތަ ގެއެއްދޮރެއް ނެތިފައި އަދި ނޫން ނަމަ ގޮތެއް ނުފެނިފައި ތިބި މީހުންތަކަކަށް ހެޔޮގޮތެއް ވެދާނެކަމުގައި ލަފާ ކުރެވުނު ޚިޔާލެކެވެ. މިފަދަ ޚިޔާލުތައް މި ގޮތަށް މިހެން ދިނުމަކީ ނުވަތަ މިހާރުގެ ބަހުރުވައިން ނަމަ ހިއްސާކުރުމަކީ ސަރުކާރަށް އެހީތެރިވެދިނުން ކަމުގައި ގަބޫލު ކުރަމުންނެވެ. އެއިރު ވެސް މިހާރު ވެސް މިކަމުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ބުރަކަމާއި ގިނަކަން ހަނދާންކުރަމުން އެކަމަށް ޓަކައި ހައްގުފަރާތްތަކަށް ޝުކުރު ވެސް އަދާކުރަމުންނެވެ. ހަމައެހެން މިގޮތުން ގެދޮރުވެރި ކުރުވިފައިވާ އެތަކެއް ފަރާތުގެ ހިނިތުންވުމާއި އުފާވެރިކަމުގެ އިހުސާސް ވެސް ދެނެގަންނަމުންނެވެ.
މިހާރު މިއޮތީ ފަހި ކަމުގައި ގަބޫލުކުރެވިފައިވާ ފުލެޓު ދިނުމުގެ ޕުރޮގުރާމެކެވެ. ބައެއް ކުދި ތަފާތާ އެކު ވެސް ކުރެވޭ ކަމަކީ މިއީ އެވެ. އެއްފަހަރާ ދައްކާ ބަޔަކާއި ބަހާލައިގެން ދައްކަމުން ގެންދާ ގޮތަށް ހަމަޖެހޭ އަގުގެ ޒިންމާ އުފުލަމުން ގެންދަން ޖެހޭ ގޮތެކެވެ. މިގޮތް ވެސް ރަނގަޅެވެ. އެކަމަކު މިގޮތުގައި ފުލެޓުތަކަށް އިންތިޒާރު ކުރުމުގައި ހޭދަވާ ދުވަސް މަސް އަހަރުތަކާއި އެއްފަހަރާ ދައްކަން ޖެހޭ ބައިގެ ތާށި ފިލުވަން ކުރަން ޖެހޭ މަސައްކަތުގެ ވާހަކަ ދެއްކި ދާނެ އެވެ. އަދި ހަމައެކަނި މިގޮތް އޮތުމުން ގިނަ ބަޔަކު އެތިބީ ބޮޑު މާޔޫސް ކަމެއްގެ ތެރޭގަ އެވެ. އެއީ ގޯއްޗެއް އޮވެ ގެގަނޑެއް ވެސް ހުރެ އެގެ ނުހެދިފައި ތިބި މީހުންނެވެ. އެމީހުންގެ އަތަކު ފައިސާއެއް ނެތެވެ. ލޯނުން މަހުރޫމުވީ އެވެ. އެމީހުންގެ ގޯއްޗެއް އެބަ އޮތެވެ. ފުލެޓުން އެއްފަރާތް ކުރެވުނީ އެވެ. އެކަމަކު އެމީހުންނަކީ ފުލެޓަށް އެދޭ މީހުންނަށް ވުރެ ނިސްބަތުން މާބޮޑެތި އާއިލާތަކުގެ ވެރިންނެވެ. ކުޑައިރުއްސުރެ ރަނގަޅު ފެންވަރެއްގެ ގެއެއް އެޅިދާނެކަމުގެ ހުވަފެނުގައި ތިބިބައެކެވެ. އެކަކު ގާތުން އަނެކަކު ގާތަށް ގޮސް އާދޭސް ކޮށްލަ ކޮށްލާ ތިބި މީހުންނެވެ. ބެންކުތަކުން އެމީހުން ފަހާލަނީ 20 ނުވަތަ 30 އިންސައްތަ ނެތިއްޔާ ތިކަމާ ނުއުޅޭށޭ ކިޔާފަ އެވެ. އެނޫން އެއް ތަނެއް ވެސް އެމީހުންނަކަށް ނެތެވެ. ހައުސިން ބޯޑޭ ކިޔަސް ފުރަތަމަ އަހަނީ ކިހާ ފައިސާއެއް އެބަހުރިތޯ އެވެ. ވީމާ މިހާރު ގޮތެއް ހަމަ ޖެހެންވީ މި މީހުން ތަކަށެވެ. އެމީސްމީހުންގެ ގޯތީގައި ހަމަޖެހޭ އުސޫލަކުން ސަރުކާރުން ގެ އިމާރާތް ކޮށްދޭންވީ އެވެ. އެމީހުންގެ އާއިލާއަށް އުޅެލެވޭ ވަރުގެ ބައެއް ދިނުމަށް ފަހު އަނެއްބައި ސަރުކާރުން ހަމަޖައްސާ ގޮތަކަށް އަގުގެ ގޮތުގައި ނެގޭ ގޮތަކަށެވެ. މިސާލެއްގެ ގޮތުން 10 ބުރިއަށް ހަދާ އިމާރާތެއްގެ ދެ ބުރި އެ އާއިލާ އަށް ދީފައި އަނެއް އަށް ބުރި ސަރުކާރުން ކުރި ހޭދަ ލިބޭ ފަދަ ގޮތަކަށް ހަމަޖައްސާ ނީ އެވެ.
މިބައިގެ ނިސްބަތް މިހާރު ގެދޮރުގެ މައްސަލަތަކުގެ 50 އިންސައްތަ ވަރުވާނެކަމަށް ލަފާ ކުރެވެ އެވެ. އެއީ ރާއްޖެތެރޭގެ ބޮޑެތި ރަށްރަށާއި މާލޭގަ އެވެ. ވީ އިރު ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ތެރެއަށް މި ޚިޔާލު އިތުރުކޮށް މިފަޅީގައި ތިބި އަދަދުގެ ނިސްބަތަށް ބަލައި ވީ އެއްމެ އަވަހަކަށް މިކަމަށް ހަމަޖެހޭ ގޮތެއް ފެނުމަކީ އެތަކެއް ދިވެހިން އުފާ ކުރާނެ ޝުކުރުވެރި ވާނެ ކަމެއް ކަން ޔަގީނެވެ.
ހަމަޖެހޭ ދިރިއުޅުމަކަށް ގެދޮރު ވެރި ވުމަކީ ވެސް ކޮންމެހެން ބޭނުން ކަމެކެވެ.
***