28 Dec 2010, 11:48
ދައުލަތާއި ސަރުކާރުގެ އެހީ ލިބުން ހުއްޓޭ ހިސާބުން ފެށިގެން 250 މުވައްޒަފަކު ވަޒީފާ އިން ވަކި ކުރަން އެމްއެންބީސީން މިއަދު ނިންމުމާ ގުޅިގެން އެކަން އެމްބީސީން ކުށްވެރިކޮށްފި އެވެ.
މޯލްޑިވިސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްސްޑިވްސްގައި ތިބި މުވައްޒަފުންނާއި މުދަލާއި ތަކެއްޗާއި ފައިސާ އަކީ، އެމްބީސީގެ ގާނޫނުން އެ ކޯޕަރޭޝަނަށް ނިސްބަތްވާ މުވައްޒަފުންނާއި ތަކެތި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އަޑާއި ޓީވީއެމް ނުވަތަ އެމްއެންބީސީގެ ބެލުމުގެ ދަށުގައި ތިބި އެ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންނާއި މުދަލާއި ތަކެތި ލަސްނުކޮށް އެ ކޯޕަރޭޝަނާ ހަވާލު ކުރުމަށް ވެސް އެމްއެންބީސީ އަށާއި ސަރުކާރަށް އެމްބީސީން ވަނީ ގޮވައިލައިފަ އެވެ.
ސަން އޮންލައިނަށް އިންޓަވިއު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އެމްއެންބީސީގެ މުވައްޒަފުންގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި 250 މުވައްޒަފުން ވަކި ކުރަން މަޖުބޫރުވާ ގޮތް، މުވައްޒަފުންނަށް އޮޅުން ފިލުވައިދީފައިވާނެ ކަމަށެވެ.
ހަލީލް ވިދާޅުވީ އެމްއެންބީސީގެ މުވައްޒަފުން މަދު ކުރުމުގެ ސިޔާސަތު، ރައީސް ނަޝީދުގެ އެދިވަޑައިގަތުމެއްގެ މަތިން ބަދަލުކޮށް އެކަން ތަންފީޒު ކުރުން މަޑުޖައްސާލާފައިވާ ކަމަށާއި ނަމަވެސް 250 މުވައްޒަފުން ވަކި ކުރަން މަޖުބޫރުވާކަން މުވައްޒަފުންނާ ހިއްސާ ކުރެއްވީ ސަރުކާރު އެހީ އާއި ދައުލަތުގެ އެހީ އެމްއެންބީސީއަށް ނުލިބޭ ގޮތަށް މަޖިލީހު ނިންމަން މަސައްކަތް ކުރާ ކަމުގެ ހަބަރުތައް ފެތުރެމުން ދާތީ ކަމަށެވެ.
ހަލީލް ވިދާޅުވީ 24 ގަޑިއިރުގެ ދެ ރޭޑިއޯ ޗެނެލާއި 18 ގަޑިއިރުގެ ހިދުމަތްދޭ ދެ ޓީވީ ޗެނަލްގެ ވަޒީފާތައް މަދު ކުރުމުގެ އުސޫލަށް ބަދަލު ގެނެސް ވަޒީފާތަކުން މީހުން ވަކި ކުރުން ރައީސްގެ އެދިވަޑައިގަތުމަށް ހުއްޓާލާފައި އޮތް ނަމަވެސް އެމްއެންބީސީއަކީ ދައުލަތުގެ އެހީއެއް ނުލިބޭ ތަނަކަށްވާ ދުވަހުން ފެށިގެން މުވައްޒަފުން މަދު ކުރުމަށް އެމްއެންބީސީއަށް މަޖުބޫރުވާނެ ކަމަށެވެ.