04 May 2014, 09:47
ގާހިރާ (މޭ 4) : މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ދިފާއީ ވަޒީރު އަދި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލި ޢަސްކަރީ އިންގިލާބުގެ ލީޑަރުގެ ގޮތުގައި ސިފަކުރެވޭ މާޝަލް ޢަބްދުލްފައްތާޙް އައްސީސީ އަށް ތާއީދުކުރާކަން މިސްރުގެ ސަލަފީ ފިކުރުގެ ޕާޓީއެއް ކަމަށްވާ ނޫރު ޕާޓީން ހާމަކޮށްފި އެވެ.
ނޫރު ޕާޓީން ބުނީ ސީސީ އަށް ތާއީދުކުރުމަށް ނިންމީ އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއްގައި ކައުންސިލްގެ މެންބަރުންގެ ތަނަވަސް އަޣްލަބިއްޔަތަކުން ކަމުގަ އެވެ. މިސްރުގެ ސަލަފީންއުފައްދާފައިވާ ސިޔާސީ ޕާޓީއެއް ކަމަށްވާ ނޫރު ޕާޓީގެ ގިނަ މެންބަރުންނަކީ ސަލަފީ ފިކުރުގެ މީހުންނާއި އެފިކުރަށް ތާއީދުކުރާމީހުންނެވެ.
ނޫރިޕާޓީއަކީ މިސްރުގެ އިސްލާމީ ސިޔާސީ ފިކުރުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށްވުރެ މާކުޑަ އަދި މިސްރުގެ ސިޔާސީ މަސްރަހުގައި މާބޮޑު ބާރެއް އަދި ނުފޫޒެއްނެތް ޕާޓީއެކެވެ. ނަމަވެސް ނޫރުޕާޓީއަކީ އިޚްވާން ޖަމާއަތާ ވަރަށް ބޮޑުވާދަކުރާ ޕާޓީއެކެވެ. އެދެޕާޓީގެ ވާދަވެރިކަމުގެ ފަހަތުގައި ވަނީ ދީނީ ކަންކަމުގައި މިސްރުގެ މުޖްތަމައުގައި ލީޑް ރޯލް އަދާކުރުމެވެ. އިޚްވާން ޖަމާއަތް ބަލިކަށިވުމަކީ ދީނީ ކަންކަމުގައި މިސްރުގެ މުޖްތަމައުގައި ލީޑް ރޯލް އަދާކުރުމުގެ ފުރްސަތު ނޫރު ޕާޓީ އަށް ލިބިގެންދާނެ ކަމެއް ކަމަށް އެޕާޓީގެ ލީޑަރުން ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން އިޚްވާން ޖަމާއަތާ އެޖަމާއަތުގެ ލީޑަރުންނާ ދެކޮޅަށް މިސްރުގެ ސަރުކާރުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކަށް ނޫރުޕާޓީ އޮންނަނީ ލޯމަރާލައިގެންނެވެ.
މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ޢަބްދުލްފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންގިލާބަށް ވެސް ނޫރުޕާޓީ ތާއީދުކޮށް ޢަސްކަރީ އިންގިލާބަށް އެޕާޓީން ހިއްވަރު ދީފައިވެ އެވެ. ނޫރު ޕާޓީގެ ރައީސް ޔޫނުސް މަޚްޔޫން ވިދާޅުވި ގޮތުގައި މިސްރުގެ ރިޔާސަތަށް ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ ޢަބްދުލްފައްތާޙް އައްސީސީ އާއި ޕޮޕިއުލަރ ޓްރެންޑް ޕާޓީގެ މުއައްސިސް ޙަމްދީން ސަބާހީ އަށް ބަލާއިރު އެދެބޭފުޅުންގެ ތެރެއިން އެންމެ ރަނގަނޅު ކެންޑިޑޭޓަކީ ސީސީ ކަމަށް ކަނޑައަޅައި ސީސީ އަށް ތާއީދުކުރުމަށް އެޕާޓީގެ ކައުންސިލްގެ ބޮޑު އަޣްލަބިއްޔަތަކުން ވަނީ ނިންމާފަ އެވެ. މިސްރު މިހާރު އޮތް ހާލަތަށްބަލާ އިރު މިސްރު ހަމައަކަށް އެޅުވޭނެ ހަމައެކަނި ޝަޚްސިއްޔަތަކީ ސީސީ ކަމަށް ނޫރު ޕާޓީގެ ރައީސް ޔޫނުސް މަޚްޔޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ސީސީއާ ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ ޕޮޕިއުލާ ޓްރެންޑް ޕާޓީގެ މުއައްސިސް ހަމްދީން ސަބާހީ އެވެ. ހަމްދީން ސަބާހީ އަކީ ވާތުފިޔައިގެ ފިކުރުގެ ބޭފުޅެކެވެ. ޕޮޕިއުލާ ޓްރެންޑް ޕާޓީއަކީ ވެސް ސިޔާސީ ނުފޫޒު ކުޑަ ޕާޓީއެކެވެ. މިސްރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން އަށް ނިސްބަތްވާ އިސްލާމީ ފިކުރުގެ ޝަޚްސިއްޔަތު ކަމަށްވާ ޑރ. މުހައްމަދު މުރުސީ ގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ވަނީ ސީސީ ކަމަށް ވާތީ ހުޅނގުގެ ތާއީދާއި ސައޫދީ އަރަބިޔާ ފަދަ މިސްރަށް އެހީވާ ގައުމުތަކުގެ ތާއީދު ވެސް ސީސީ އަށް އޮތްކަމަށް ރިޕޯޓްތައްބުނެ އެވެ. ސީސީ ދާދިފަހުން ވަނީ ސޫރިޔާ، ލީބިޔާ އަދި ޢިރާގު ފަދަ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި އެގައުމުތަކަށް އެމެރިކާ ސިފައިން އެރުމަށް ވެސް ނުސީދާ ގޮތެއްގައި ގޮވާލައްވާފަ އެވެ. އަދި މެދުއިރުމަތީ ގައި އެމެރިކާގެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ ކަމުގެ އިޝާރާތެއް ވެސް ސީސީ ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން މިސްރުގެ ޢިލްމާނީ ފިކުރުގެ ޕާޓީތަކުންނާއި މިސްރުގެ މީޑިޔާއިންނާއި ސިފައިންގެ މުއައްސަސާއިން ސީސީއަކީ ގައުމީ ބަތަލެއް ކަމަށް ސިފަކޮށް އޭނާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކޭންޕޭން ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިސްރުގެ އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު ސީސީ އަށް މިހާރު އޮތް ކަމަށް ރިޕޯޓްތައްބުނެ އެވެ.
މިސްރުގައި މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމުގެ ފުރްސަތު ނެތިފައި ޑރ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާއި އިޚްވާން ޖަމާއަތުގެ އިސްވެރިން ހައްޔަރުކޮށް އެމީހުންގެ މައްޗަށް މަރުގެ ހުކުމްތަކާއި ދިގުމުއްދަތު ތަކަށް ޖަލަށް ލުމުގެ ބޮޑެތި ޙުކުމްތަކެއް އިއްވަމުންދާ މިދަނޑިވަޅުގައި އެއްވެސް ދަތިކަމެއް ނެތި އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ސީސީ ގެންނެވި ޢަސްކަރީ އިންގިލާބަށްފަހު މިސްރުގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރަމުން ގެންދަނީ މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ވަގުތީ ސަރުކާރަކުންނެވެ.
މިސްރުގެ ޢަސްކަރީ އިންގިލަބާ ދެކޮޅަށް އިޚްވާން ޖަމާއަތުގެ މެންބަރުންނާއި މުރުސީ އަށް ތާއީދުކުރާ އާންމުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތައް އާންމުވެފައިވާ އިރު އެމީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފާއިތުވި 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި ތިން ހާހެއްހާ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)