04 May 2014, 09:35
ނިއުދިއްލީ (މޭ 4) : އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަސާމްގެ ހަތިޔާރުއެޅި ގަބަލީ ޖަމާއަތެއްގެ ޙަމަލާތަކުގައި މުސްލިމުންގެ 31 މީހުން މަރުވުމާ ގުޅިގެން އެސްޓޭޓްގައި އިންޑިޔާ ސިފައިންގެ ލަޝްކަރެއް ރުކުރުވާލައިފި އެވެ.
އިންޑިޔާގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން މިލަޝްކަރު އާސާމްގައި ރުކުރުވާލީ އާސާމްގެ ބަކްސާ ސަރަހައްދުގައި ހަތިޔާރުއެޅި ބަޔަކު ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެމީހުންގެ ފުރާނަ އަށް ނުރައްކާވެފައި ވާތީ އެސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލައި ހަމަޖެހުން ގާއިމް ކުރުމަށް ޓަކަ އެވެ. އަސާމްގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ގަބަލީ ޖަމާއަތެއްގެ ބަޔަކު ބަކްސާ ސަރަހައްދުގެ ވިލެޖްތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި މުސްލިމުންގެ 31 މީހުން މަރާލައި އެތަށްބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ.
އާސާމްގެ ފުލުހުން ބުނާ ގޮތުން ހަތިޔާރުއެޅި ގަބީލީ ޖަމާއަތެއްގެ ބަޔަކު ބަކްސާ ސަރަހައްދުގެ ވިލެޖްތަކަށް އަރައި މުސްލިމުންގެ ގެތަކަށްވަދެ ބަޑިޖަހައި 31 މީހުން މަރާލުމަށް ފަހު މުސްލިމުންގެ އެތައް ގެއެއްގައި ހުޅުޖަހައި އަންދާލާފައިވެ އެވެ. ހަތިޔާރުއެޅި މިޖަމާއަތަކީ އާސާމްގެޕޫޑޯ ގަބީލާއަށް ނިސްބަތްވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަރުކަށި ޖަމާއަތެއްކަމަށް ވެސް އާސާމްގެ ފުލުހުން ބުނެ އެވެ.
ޕޫޑޯ ގަބީލާއަށް ނިސްބަތްވާ ހަތިޔާރުއެޅި އެޖަމާއަތުގެ މަގްސަދަކީއާސާމްގެ މުސްލިމް އާބާދީ ނައްތާލުން ކަމަށްވެ އެވެ. އެޖަމާއަތުން ދެކޭ ގޮތުގައި އާސާމުގެ މުސްލިމުންނަކީ އަވަށްޓެރި ބަންގްލަދޭޝުން ހިޖްރަކޮށްގެން އުޅޭ ބަޔެކެވެ. އެހެންކަމުން މުސްލިމުން އާސާމުން ބޭރުކޮށްލުން ނޫނީ މުސްލިމުންގެ ނަސްލު ނައްތާލަންޖެހޭ ކަމަށް އެޖަމާއަތުން ދެކޭކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ވެސް ޕޫޑޯ ގަބީލާ އަށް ނިސްބަތްވާ ހަތިޔާރުއެޅި ބަޔަކު އާސާމްގެ މުސްލިމުންނަށް ޙަމަލާދީ އެތައް ސަތޭކަ ބަޔަކު މަރާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)