ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި މިއަދު ކުޅުނު މެޗްތަކުން ވަން އެން އޮންލީ ރީތިރަށް ރިސޯޓާއި ބަނޑޮސް އައިލެންޑް ރިސޯޓް މޮޅުވެއްޖެ އެވެ.

ބަނޑޮސް މިއަދުގެ މެޗުން މޮޅުވީ މީރު އައިލެންޑް ރިސޯޓާ ވާދަކޮށް ސީދާ ތިންސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ބަނޑޮސް އައިލެންޑު ރިސޯޓުގައި ކުޅުނު މިމެޗްގެ ސެޓްތައް އެޓީމުން ގެންގޮސްފައި ވަނީ 25-19، 25-21 އަދި 25-12 އިންނެވެ.

ބަނޑޮސް ރިސޯޓާއި މީރު ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮސް ރިސޯޓުގެ އިސްމާއީލް ސާޖިދެވެ.

ޒޯން އެއްކެއް ގައި މިއަދު ހަވީރު ކުޅުނު ދެ ވަނަ މެޗް ރީތިރަށް ރިސޯޓުން ކާމިޔާބު ކުރީ ކުރުބާ މޯލްޑިވްސްއާ ވަދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗު ކުޅެފައިވަނީ ރީތިރަށުގަ އެވެ.

މެޗިގެ ސެޓްތައް ރީތިރަށުން ގެންގޮސްފައި ވަނީ، 25-16، 25-14 އަދި 25-13 އިންނެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތިރަށް ރިސޯޓުގެ އަލީ ހުޒާމެވެ.

މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.

ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.