ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ މައިލޯ ކްލަބް މޯލްޑިވްސް ކަޕުގެ ފިރިހެން ބައިގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ތިން ވަނަ ފަހަރަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ކާމިޔާބުކޮށްފި އެވެ.

އެސްޓީއޯއިން މުބާރާތުގެ ޝިލްޑް އުފުލާލީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބް އަތުން 4-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި އެސްޓީއޯ އިން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ލީޑް ނަގައިފަ އެވެ. މެޗުގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އެސްޓީއޯ އިން ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ޕޮލިސް ކުލަބުން ވެސް އެސްޓިއޯކޮޅަށް ޖެހި ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގައި އެސްޓީއޯގެ ގޯލްތަށް ކާމިޔާބުކޮށްދިނީ އިމްރާން މުހައްމަދު އާއި ޝައިހާން އަލީ އާއި އަބްދުލް ކަރީމް މުސްތަފާ އަދި ޝާހު މުހައްމަދު އެވެ. ޕޮލިސް ކްލަބުގެ ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ޝާން އާއި އަހުމަދު ރިފްޝާން އެވެ.

މިއަދުގެ ފައިނަލް މެޗުގައި ޕޮލިސް ކުލަބަށް ނަތީޖާ ބަދަލުކުށްލުމުގެ ރަނުގެ ފުރުޞަތުތަކެއް ލިބުނެވެ. މެޗުގެ ފަހު ހާފުގައި ޕޮލިސް ކުލުބަށް ލިބުނު ތިން ޕެނަލްޓީ ވެސް ކާމިޔާބު ނުކުރެވި، ބޭކާރުކޮށްލެވުނީ އެވެ. ޕޮލިހުން ޖެހި ދެ ޕެނަލްޓީ ކީޕަރު ދިފާއުކުރިއިރު، އަނެއް ޕެނަލްޓީ ޕޮލިހަށް ފޮނުވާލެވުނީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެސްޓިއޯގެ ކީޕަރު މޫސާ ފަތުހީ އެވެ.

މެޗަށްފަހު އެކި ވަނަތައް ހާސިލް ކުރި ފަރާތްތައް އިއުލާން ކުރި އެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިނަށް ހޮވުނީ، އެސްޓިއޯ ޓީމުގެ ކީޕަރު މޫސާ ފަތުހީ އާއި އެސްޓިއޯ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި އެމްޓީޓީސީގެ ހަސަން މިފްރާހް އާއި އެމްޕީއެލްގެ އަލީ މާއިސް އަދި ޕޮލިސް ކުލަބުގެ އަލީ ފަހުމީ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްރާރުޑީސީގެ އިސްމާއިލް އީސާ (މެސީ) އެވެ. އޭނާ ވަނީ މުބާރާތުގައި 14 ގޯލް ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގެ އެންމެ ބެސްޓު ޕްލޭއާގެ މަގާމަށް ހޮވުނީ، އެސްޓިއޯގެ ކެޕްޓަން އިންމަ އވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްޓިއޯގެ އަހުމަދު ނިޔާޒެވެ. މުބާރާތުގެ ފެއާޕުލޭ ޓީމަކަށް ހޮވުނީ ކުލަބް އިމިގްރޭޝަން އެވެ. މުބާރާތުގެ ރަނަރަޕް ޓީމަކަށް ޕޮލިސް ކުލަބް ހޮވުނުއިރު، އެންމެ ރަނަގަޅަށް ސަޕޯޓް ކުރި ޓީމަކަށް ހޮވުނީ އެމްއާރުޑީސީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމާ ދެއްވީ މިއަދުގެ މެޗުގެ ޝަރަފްވެރި މެހެމާން އަހުމަދު ނާސިރު (މައްލާ) އެވެ.

މުބާރާތުގެ ފިރިހެން ބައިގައި ޖުމްލަ 36 ޓީމް ވާދަކުރި އެވެ. އަދި މުބާރާތުގެ އޮފިޝަލް ސްޕޮންސާ އަކީ ނެސްލޭ މައިލޯ އެވެ. މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި އަލޯރާ އާއި ގަތަރު އެއާވޭސް އެވެ.