28 Dec 2010, 11:48
އަންނަ އަހަރުގެ ފެބުރުއަރީ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ގިނައިން ކެންޑިޑޭޓުން ނެރެފައި ވަނީ ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީން) ކަން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ކެންޑިޑޭޓުންގެ ލިސްޓުން ހާމަވެއްޖެ އެވެ.
އިލެކްޝަންސްގެ ވެބް ސައޓުގައި އާންމު ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައިވާ ގޮތުން ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އެކި ދާއިރާތަކަށް 939 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީން ވެސް 888 ކެންޑިޑޭޓުން ކުރިމަތިލައިފައިވެ އެވެ. ދެންމެ އެންމެ ގިނައިން ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ އަމިއްލަގޮތުންނެވެ. އެއީ އެކި ދާއިރާތައް ހިމެނޭ ގޮތަށް 849 ކެންޑިޑޭޓުންނެވެ.
ތިންވަނަ އަށް އެންމެ ގިނައިން ކެންޑިޓޭޓުން ނެރެފައިވައިވާ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނެވެ. އެ ޕާޓީން 54 ކެންޑިޑޭޓަކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ އެވެ. އެހެން ސިޔާސީ ޕާޓީތަކަށް ބަލައިލާ އިރު ޖުމްހޫރީ ޕާޓީން 47 ކެންޑިޑޭޓުން، ޕީޕަލްސް އެލަޔަންސުން އަށް ކެންޑިޑޭޓުން އަދި ނައިބު ރައީސް ޑރ. ވަހީދުގެ ގައުމީ އިއްތިހާދުން 11 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާނެ ކަމަށް އިލެކްޝަންސްގެ ރަޖިސްޓްރީން ދައްކަ އެވެ. އަދި ޕީޕަލްސް ޕާޓީން ނެރެފައި ވަނީ އެންމެ ކެންޑިޑޭޓެއްކަން އިލެކްޝަންސްގެ ލިސްޓުން ހާމަވެ އެވެ.
އެ ލިސްޓު ދައްކާގޮތުން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އެކި ދާއިރާތަކުން ކައުންސިލްތައް ހިންގަން 2805 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަންނަ ފެބުރުއަރީގައި މުޅި ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާތަކަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނު ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ވަރަށް ފޯރީގައި ފަށައިފަ އެވެ. އެގޮތުން ކެމްޕޭނު ޖަގަހަތައް ހުޅުވުމާއި ޕޯސްޓަރުތައް މަގުތައް މަތިން ފެނުން ވަނީ ގިނަވެފަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީން އެ ޕާޓީގެ ކެމްޕޭން ރަސްމީކޮށް މި މަހުގެ 31 ވަނަ ދުވަހު ހދ. ހަނިމާދޫގައި ލޯންޗްކުރުމަށް ވަނީ އެ ޕާޓީން ނިންމައިފަ އެވެ.