މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ވޭން ރޫނީއަށް ލިބިފައި ވަނީ ސީރިއާސް އަނިޔާއެއް ނޫން ކަމަށް އެކުލަބުގެ ވަގުތީ ކޯޗް ރަޔާން ގިގްސް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރާއްޖެ ގަޑިން މިރޭ 7:00 ގައި ސަންޑަލޭންޑާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގިސް ބުނީ، ލީގްގެ ހަތް ވަނަ މަގާމްގައި 60 ޕޮއިންޓާއެކު ޔުނައިޓެޑް އޮތް ކަމުގައި ވިޔަސް މިރޭގެ މެޗަކީ މޮޅެއް ހޯދުން މުހިންމު މެޗެއް ކަމަށާއި އެހެން ނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިޔާ ވޭން ރޫނީގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނައަށް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

"ރޫނީއަށް ލިބިފައިވަނީ ސީރިއަށް އަނިޔާއެއް ނޫން. އެ އަނިޔާއަކީ ވޯލްޑް ކަޕުގައި ނުކުޅެވޭވަރުގެ ސީރިއަސް އަނިޔާއެއް ވެސް ނޫން. އެކަމަކު ރޫނީ ނެތްތަން މިރޭގެ މެޗުގައި ދައްކާނެ. މިރޭގެ މެޗަކި ވެސް މޮޅެއް ހޯދުން މުހިންމު މެޗެއް" ގިގްސް ބުންޏެވެ.

ރޫނީއަށް އަނިޔާވެފައި މިވަނީ އަންނަ ޖޫންމަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ އިނގިރޭސިވިލާތުގެ ސްކޮޑް އިއުލާން ތައްޔާރުވެފައި ވަނިކޮށެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ރޯއި ހޮޖްސަންގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕަށް ނިކުންނަ އިގިރޭސި ސްކޮޑް ރަސްމީކޮށް އިއުލާން ކުރާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

އިނގިރޭސި ގައުމީ ޓީމާއެކު ބްރެޒިލަށް ނުދެވޭނެކަން މިހާތަނަށް ޔަގީންވެފައިވާ ކުޅުންތެރިންނަކީ ޓޮޓެންހަމްގެ އަންޑުރޯސް ޓައުންސެންޑާއި، އާސެނަލްގެ ތިއޯ ވޮލްކޮޓް އަދި ސައުތެމްޓަންގެ ޖޭ ރޮޑްރިގޯ އެވެ.