މުޅި ސީޒަންގައި ވެސް ލިބުނު މާޔޫސް ކަމުން އަރައިގަތުމަށް އަންނަ ޓްރާންސްފާ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގަތުމަށް އެ ކުލަބުން މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ބުނެފި އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، ޔުނައިޓެޑުން އަންނަ ޓްރާންސްފާ ސީޒަނުގައި އެ ކުލަބް ވަރުގަދަ ކުރުމުގެ ގޮތުން މަޝްހޫރު ބޮޑެތި ކުލަބްތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ގަތުމުގެ ގޮތުން 250 މިލިއަން ޕައުންޑް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިނގިރޭސި މަޝްހޫރު ނޫހެއް ކަމަށްވާ މިރާ ނޫހުގައި ބުނެފައި ވަނީ، ޖަރުމަނަގެ ބްރޫޝިއާ ޑޯޓުމަންޑުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ މިޑްފީލްޑަރު މަކޯ ރުއިސް ގަތުމަށް ވެސް ޔުނައިޓެޑުން ފާރަލަމުން އަންނަ ކަމަށެވެ. އަދި ސެސް ފެބްރިގާސް އާއި ޕީއެސްޖީގެ ކަވާނީ އާއި ބަޔާންގެ ޒުވާން މިޑްފީލްޑަރު ޓޯނީ ކުރޫސް އާއި ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ އަދި ސައުތުހެމްޓަންގެ ލޫކް ޝޯ ވެސް ގަތުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައި ވެ އެވެ.

ޔުނައިޓެޑަށް ގިނަ ކުޅުންތެރިން ތަކެއް ގަންނައިރު، އެ ޓީމުގައި މިހާރު ތިބި ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ވެސް އެ ކުލަބުން ނިންމަމުން އަންނަ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މެންޗަސްޓާ ޔުނައިޓެޑް ތަށްޓަކާ ނުލާ ސީޒަން ނިންމާލިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ވެސް ހިމެނިފައި ނުވުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގުން ވެސް ޔުނައިޓެޑަށް ވަނީ ޖާގައެއް ނުލިބިފަ އެވެ.

މި ސީޒަނުގައި ގިނަ ދަތިކަކާއި ކުރިމަތިވެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވުމުން ޔުނައިޓެޑަށް ގެނައި ކޯޗު ޑޭވިޑް މޮއެސްވަނީ ހުސްވި މަހުގެ ތެރޭގައި މަގާމުން ދުރުކޮށްފައެވެ. އެހެން ކަމުން މިހާރު އެޓީމުގެ ކޯޗް ކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރީ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔަން ގިގްސް އެވެ.