ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގައި އިއްޔެ ކުޅުނު އެޒޯންގެ ދެވަނަ މެޗުގައި ލަކްސް މޯލްޑިވްސްގެ އަތުން ލިލީ ބީޗް ރިސޯޓް މޮޅުވެއްޖެ އެވެ.

ލަކްސް މޯލްޑިވްސް ރިސޯޓުގައި އިއްޔެ ހަވީރު ކުލުނު މެޗުން ލިލީ ބީޗް މޮޅުވީ ސީދާ ތިން ސެޓުން ނެވެ. މެޗުގެ ސެޓުތައް ލިލީ ބީޗް ގެންދިޔައީ 25-24، 25-22 އަދި 26-24 ންނެވެ. އިއްޔެ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލިލީ ބީޗްގެ އަހުމަދު ޒާލިފެވެ.

ޒޯން ހަތަރެއްގައި ލިލީ ބީޗް ރިސޯޓާ ލަކްސް މޯލްޑިވްސްގެ އިތުރުން ދެން ވާދަކުރަނީ ސަން އައިލެންޑް ރިޒޯޓެވެ. އެގޮތުން މި މުބާރާތުގައި ސަން އައިލެންޑް ރިސޯޓް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުން އެޓީމް ވަނީ ލިލީ ބީޗް އަތުން ތިން ސެޓް އެއްސެޓުން މޮޅުވެފައެވެ.

ތިން ޓީމް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ސަން އައިލެންޑް ރިޒޯޓް ނުކުންނާނީ ލަކްސް މޯލްޑިވްސް އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ ސަން އައިލެންޑް ރިޒޯޓުގައެވެ.

މިއަހަރުގެ އިންޓަ ރިސޯޓް ވޮލީމުބާރާތުގައި ޒޯން ހަތަރެއްގައި ތިން ޓީމެއް ބައިވެރިވެފައިވާ އިރު، ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅޭނެ އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް ޓީމު ފައިނަލަށް ދަތުރުކުރާ އިރު، ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެވަނަ އަދި ތިންވަނަ ޓީމެވެ. ޒޯން ހަތަރެއްގެ މުބާރާތުގެ ފައިނަލު ކުޅޭނީ މެއި މަހު ހަވަނަ ދުވަހު އެވެ.

މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.

ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.