03 May 2014, 14:00
ހަބަރުފަތުރާ ވަސީލަތަކަކީ މީހުންގެ އަބުރު ނަގައިލުމަށާއި މުޖުތަމައު ފަސާދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވާނަމަ އެކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ އިންޒާރު ރައީސް އޮފީހުން ދީފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ.
"އެއްވެސް ޒިއްމާދާރުކަމެއްނެތި، ނޫސްވެރިކަމުގެ އިންތަކާއި މިންތައް ފަހަނައަޅާ، ޚަބަރުފަތުރާ ވަޞީލަތްތަކަކީ މީހުންގެ އަބުރު ނަގައިލުމަށާއި، މުޖުތަމަޢު ފަސާދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ވާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް، މިސަރުކާރުން ކުރާނެއެވެ،" މުއާޒު ނެރުއްބި ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ޒިއްމާ ޙަވާލުވެވިފައިވާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް، ޢަމަލުކުރައްވަމުން ގެންދަވާ ނިޒާމްތައް ހަރުދަނާ ކުރައްވަން ޖެހޭ ކަމަށެވެ. ވަކިން ޚާއްޞަކޮށް މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮންމެވެސް އެއް ޒިއްމާދާރު ފަރާތެއް ހުރުމަކީ މި ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކެއް އެއްބަސްވެވަޑައިގަންނަވާ ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރާ ކަމަށް މުއާޒު ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންގެ މެދުގައި ތަފާތު ކުރުމެއް ނެތި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގަށް ސަރުކާރަށް ފުރިހަމައަށް އިޙްތިރާމް ކުރާ ކަމަށް މުއާޒު ނެރުއްވި ބަޔާނުގައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ތަސްދީގު ކުރައްވާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ޢަމަލު ކުރާ ތާރީޚު އަންނަންވާއިރަށް ޤާނޫނުގައި ލާޒިމުކުރާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ސަރުކާރުގެ އެއްވެސް މުއައްސަސާއަކީ ނޫސްވެރިޔާ ނިސްބަތްވާ އިދާރާއަކުން ނުވަތަ ނޫސްވެރިޔާ ގެނެސްދޭ ޚަބަރެއްގެ ސަބަބުން، ނޫސްވެރިޔާއަށް ވަނުން މަނާވެފައި ހުންނާނެ ތަންތަން ނޫން ކަމަށާއި އެއްވެސް ނޫސްވެރިޔަކީ މަޢުލޫމާތު ލިބިގަތުމުގެ ޙައްޤުން މަޙްރޫމްވެފައިވާ ފަރާތަކަށް ވެގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން އަރުވާ ކަމަށް މުއާޒުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ނޫސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެންމެހާ ޤާވާޢިދުތަކެއް ތަންދިން އެންމެ ފުޅާދާއިރާއެއްގައި، ޒިއްމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުއްވުމަށް މިސަރުކާރުން މަރުޙަބާ ކިޔައެވެ. ހަމައެއާއެކު މީގެ ކުރިން މީޑިއާގެ ފަރާތްތަކާމެދު ކޯޓުތަކުގައި އުފުލިފައިހުރި ބައެއް މައްސަލަތައް މިސަރުކާރު އައުމާއެކު ވަނީ އަނބުރާ ގެންދަވާފައެވެ. މިއިން އަންގައިދެނީ މިސަރުކާރަކީ ނޫސްވެރިންނާއި ނޫސްވެރިކަމުގެ އިދާރާތަކަށް ލުއިފަސޭހަ މަގުން ކަންކަން ކޮށްދެއްވާނެ ސަރުކާރެއްކަމެވެ،" މުއާޒު ނެރުއްވި ބަޔާނުގައިވެ އެވެ.