03 May 2014, 11:56
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ހާޒިރީގެ ފުލަށް ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވެއްޓިއްޖެ އެވެ.
މިއަހަރުގެ މާޗް މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ފަހު ދައުރުގައި ބޭއްވި ނުވަ ޖަލްސާގެ ތެރެއިން ހަމްޒާ ހާޒިރުވެވެ ވަޑައިގެންނެވީ އެންމެ ޖަލްސާއަކަށެވެ. އަނެއް އަށް ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގެންނެވި ސަބަބެއް ހަމްޒާ މަޖިލީހަށް އަންގަވާފައެއް ނުވެ އެވެ.
ހާޒިރީގެ ފުލުން ދެ ވަނާގައި ހަތަރު މެމްބަރަކު ހިމެނެ އެވެ. އެއީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން އަހުމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ހަތަރު މެމްބަރުން ވެސް މަޖިލީހަށް ހާޒިރުވީ އެންމެ ދެ ދުވަހު އެވެ. ހާޒިރުވެވަޑައި ނުގެންނެވި ދުވަސް ދުވަހު އެބޭފުޅުން މަޖިލީހަށް ސަލާމް ވެސް ވިދާޅުވެފައެއް ނުވެ އެވެ.
ފަހު ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެވަޑައިގެންނެވީ 20 މެމްބަރުންނެވެ. އެ މެމްބަރުންގެ ތެރޭ އެންމެ ގިނައިން ހިމެނެނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. އެ ޕާޓީގެ 10 މެމްބަރުން ހިމެނެނީ މަޖިލީހުގެ ހާޒިރީގެ ކުރީގަ އެވެ. އެ މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ރަމީޒާއި ގަމު ދާއިރާގެ މެމްބަރު ޔޫސުފް އަބްދުލް ޣަފޫރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެމްބަރުންގެ ތެރޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ތިން މެމްބަރު ހިމެނެ އެވެ. އެއީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) ވެ.
ހާޒިރީގެ ކުރީގައި އުޅޭ ލިސްޓުން ޖޭޕީގެ ތިން މެމްބަރަކު ވެސް ވަނީ ޖާގަ ހޯދާފަ އެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި މަރިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްް އިބްރާހިމެވެ.
ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާޙިމް މުއްތަލިބު ވެސް ވަނީ ފަހު ދައުރުގެ ހާޒިރީގެ ކުރިން ޖާގަ ހޯދާފަ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖަލުގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާތީ ފަހު ދައުރުގެ އެއްވެސް ޖަލްސާއަކަށް އޭނާއަށް ހާޒިރުވެވަޑައި ނުގެންނެވެ އެވެ. ޖާބިރު ހިމެނެނީ ހާޒިރީގެ ފުލުގެ އެއް ވަނާގަ އެވެ.