03 May 2014, 10:04
އާސާމް (މޭ 3) : އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަސާމްގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ބަޔަކު މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގައި މުސްލިމުންގެ 22 މީހުން މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި އެވެ.
އާސާމްގެ ފުލުހުން ބުނާ ގޮތުން މި 22 މީހުން މަރާލާފައި ވަނީ ފާއިތުވި 48 ގަޑިއިރުތެރޭގަ އެވެ. މީގެ ތެރެއިން 10 މީހުން މަރާލާފައި ވަނީ އިއްޔެގަ އެވެ. އާސާމްގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ އެސްއެން ސިންގް ވިދާޅުވި ގޮތުގައި ހަތިޔާރުއެޅި 10 މީހުން ވަނީ މުސްލިމުންގެ ވިލެޖަކަށް އަރައި ހަތިޔާރުގެ ބޭނުންކޮށްގެން މުސްލިމުންގެ ގެތަކަށް ވަދެ އަންހެނުންނާއި ކުޑަކުދިންނާބެހި ބިރުދައްކައި މުސްލިމުންގެ ގެތަކުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަރާލި 22 މީހުންގެ ތެރޭގައި ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. ނަމަވެސް ފުލުހުން ބުނާގޮތުން މަރާލި މީހުންގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި ތިން ކުޑަކުދިންނެވެ. އިންޑިޔާގެ ޖާސޫސީ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަތިޔާރުއެޅި މި 10 މީހުންނަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ޕޫޑޯ އަށް ނިސްބަތްވާ ބަޔަކެވެ. އެމީހުން ދެކޭގޮތުގައި އާސާމުގެ މުސްލިމުންނަކީ އަވަށްޓެރި ބަންގްލަދޭޝުން އާސާމަށް ހިޖްރަކޮށްގެން އުޅޭ ބަޔަކެވެ. އެހެންކަމުން ހަތިޔާރުއެޅި ޖަމާއަތުގެ މީހުންގެ ލަނޑުދަނޑިއަކީ މަރައިގެން ނަމަވެސް މުސްލިމް އާބާދީ އަސާމުން ނައްތާލުމެވެ.
އާސާމުގެ މުސްލިމުން ހިމާޔަތް ކުރުމުގައި އިންޑިޔާގެ މައި ސަރުކާރާއި ލޯކަލް ސަރުކާރު ވަނީ ނާކަމިޔާބުވެފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ވެސް ޕޫޑޯ ޖަމާއަތަށް ނިސްބަތްވާ ހަތިޔާރުއެޅި ބަޔަކު އާސާމްގެ މުސްލިމުންނަށް ޙަމަލާދީ އެތައް ސަތޭކަ ބަޔަކު މަރާލާފައިވެ އެވެ. (ބީބީސީ)