03 May 2014, 09:25
ކިޔެވް (މޭ 3) : ޔުކްރޭންގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ އޮޑިއްސާ ގައި ހިނގި އަލިފާނުގެ ހަދިސާއެއްގައި 38 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.
ޔުކްރޭންގެ ދާޚިލީ ވުޒާރާ ބުނާ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރަޝިޔާ އަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކާ ޔުކްރޭންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ވަތަނީ ޚިޔާލުގެ މީހުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަކާ ގުޅިގެންނެވެ. އަލިފާނުގެ ހާދިސާގެ ފަހަތުގައި ވަނީ ކޮންބައެއްކަން ޔުކްރޭންގެ ދާޚިލީ ވުޒާރާ އިން ހާމަކޮށްދީފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ހަރަކާތްތައް މިހާރު ވަނީ އެގައުމުގެ ދެކުނަށް ވެސް ފުޅާވާން ފަށާފަ އެވެ. ޔުކްރޭންގެ ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އަތްދަށުގައިވާ ސަރަހައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޢަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަންގައި ބައިވެރިވާ ޢަސްކަރީ ދެ ހެލިކޮޕްޓަރެއް ޔުކްރޭންގެ އިރުމަތީ ސަރަހައްދުގައި އުދުހެމުންދަނިކޮށް އިދިކޮޅު ޖަމާއަތްތަކުން ވަނީއެ ދެހެލިކޮޕްޓަރު ވައްޓާލާފަ އެވެ. މިހާދިސާގައި އޭގައިތިބި ދެ ޕައިލެޓުން މަރުވެފައިވާކަން ޔުކްރޭންގެ ދާޚިލީ ވުޒާރާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޔުކްރޭންގައި ހިނގަމުންދާ ކުރިމަތިލުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރުވަނީ އުފެދިފަ އެވެ. ޚާއްސަކޮށް ރަޝިޔާ އަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާއި ވަތަނީ ޚިޔާލުގެ ހަރުކަށި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ޔުކްރޭންގެ އެކިކަންކޮޅުތަކަށް ދަނީ ފެތުރެމުންނެވެ. ޔުކްރޭންގެ ވަތަނީ ޚިޔާލުގެ ހަރުކަށި ޖަމާއަތްތަކަކީ ހުޅަނގަށް ތާއީދުކުރާ އަދި ހުޅަނގުގެ އެހީއާއި މަދަދުލިބޭ ޖަމާއަތްތަކެކެވެ. ޔުކްރޭންގެ އިންތިޚާބީ ސަރުކާރު މިދިޔަ ފެބްރުއަރީ މަހު ވައްޓާލުމުގެ ފަހަތުގައި ވެސް ވަނީ ހުޅަނގަށް ތާއީދުކުރާ ވަތަނީ ޚިޔާލުގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކެވެ. (ނޫސްއެޖެންސީތައް)