28 Dec 2010, 11:30
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށާއި އަބުރާއި ޢިއްޒަތަށް ހުތުރުވާގޮތަށް މަޖިލީހުގެ ޖަލްސާތަކުގެ ރިކޯޑިން އެޑިޓްކޮށްގެން ވިޓީވީ އާއި ދިޓީވީ އިން ދައްކަމުންދާ ކަމަށް ބުނެ އާއްމު ކޮމިޓީއަށް އެ ދެ ޗެނަލުގެ ބޭފުޅުން ހާޒިރުކުރެއްވި މައްސަލަ ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ނޫސްބަޔާނަށް ފާޑުކިޔައި، މަޖިލީހުގެ އާއްމު ކޮމިޓީން އެކަން ކުށްވެރިކޮށްފައިވާތީ، ޑީއާރްޕީން އެކަމަށް ފާޑުކިޔައިފި އެވެ.
ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ، އެމްޖޭއޭއާ ދެކޮޅަށް އާއްމު ކޮމިޓީން ނެރުނު ނޫސް ބަޔާން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެއީ ޑީއާރްޕީން ގަބޫލުކުރާ ބަޔާނެއް ނޫން ކަމަށެވެ. އަދި އެއީ ހަގީގަތުގައި ވެސް ވީޓީވީ އާއި ދިޓީވީ އަށް "އުނދަގޫކޮށް ބިރުދެއްކުމުގެ" ގޮތުން އާއްމު ކޮމިޓީން ކުރި ކަމެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
"ކަންތައް ވެދިޔަ ގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް ފެނުނީ ދެ ޓީވީ ޗެނަލް އަށް، ވީޓީވީ އާ ދިޓީވީއާ ދެ ޗެނަލަށް އުނދަގޫ ކުރުމުގެ ގޮތުން ނޫނީ ބިރުދެއްކުމުގެ ގޮތުންނޭ އެމްޖޭއޭ އިން އެ ވިދާޅުވާ ވާހަކަ އެއީ ތެދެއް ކަމަށް ބެލެވޭ ކަހަލަ ގޮތަކަށް ކަންތައް ހިނގައިގެންދިޔަ ތަން. އަޅުގަނޑަކީ އާއްމު ކޮމިޓީގެ އިންނަ މެމްބަރަކަށް ވެ ހުރެ، އާއްމު ކޮމިޓީން ކަންކަން ހިންގާފައިވާ ގޮތް ކުށްވެރިކުރަން،" ރޮޒައިނާ ވިދާޅުވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކާ ގުޅޭ ގޮތުން ޚަބަރުފަތުރަނީ ވީޓީވީ އާއި ދިޓީވީ އެކަނި ނޫން ކަމަށާއި ދައުލަތުގެ މީޑިއާ އިން ވެސް، މަޖިލީހުގެ ޖަލްސާތަކާ ގުޅޭ ގޮތުން ޕްރޮގްރާމާއި ރިޕޯޓްތައް ފޮނުވާ ކަމަށެވެ. އެހެންނަމަވެސް، ހަމައެކަނި ވީޓީވީ އާއި ދިޓީވީ ކޮމިޓީއަށް ހާޒިރުކުރީ، އާއްމު ކޮމިޓީގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އެ ދެ ޗެނަލަށް ބިރު ދެއްކުމަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"ކޮންމެހެން އިޝޫއަކީ ބަޔަކާ ބަހޭ ގޮތުން ވާހަކައެއް ދައްކައިގެން އުޅުނީމަ ނޫންކަން. އެމްޑީޕީގެ ވަކި ބޭފުޅަކާ ބެހޭ ގޮތުން ވާހަކައެއް ދެއްކީމަ، އެ ކަންތަކާ އެ ބޭފުޅަކު ނުރުހެންވެގެން، އާއްމު ކޮމިޓީއަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީއަކަށް ވާތީވެ، އެ ޚަބަރުތައް ފަތުރާ ވަސީލަތްތަކަށް ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަނީ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.
އާއްމު ކޮމިޓީއަށް ޕްރައިވެޓް ދެ ޓީވީ ސްޓޭޝަންގެ ބޭފުޅުން ހާޒިރު ކުރި ކުރުމަކީ "މީޑިއާ ފަހަތަށް ޖައްސައި، ބިރު ދެއްކުމަށް" ހިންގި އަމަލެއް ކަމަށް ސިފަކޮށް އެމްޖޭއޭ އިން ބަޔާން ނެރުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެ ބަޔާނަށް ރައްދުދީ، މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރު ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ސޮއިކުރައްވައި އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ، "ކޮމިޓީގެ މަސްއޫލިއްޔަތަށް ހުރަސް އެޅުމަށް [އެމްޖޭއޭން] މިފަދަ ނޫސް ބަޔާންތައް ނެރުމަކީ ގާނޫނު އަސާސީގެ މަފްހޫމްތަކާއި ޚިލާފަށް ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމަށެވެ.