ނޫސްވެރިކަމަށް ބޭނުންވާނެ މައުލޫމާތު ފަސޭހަކަމާއެކު ނޫސްވެރިންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން އެގޮތަށް ގޮވާލާފައި ވަނީ މާދަމާ ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ވުޖޫދަށް އައިސްފައިވާއިރު، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ކުރަންޖެހޭ ކަމަށެވެ.

ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ރައްކާތެރި މާހައުލެއް އޮންނަންޖެހޭނެ ކަމަށާއި އެ މާހައުލު ދައުލަތުން ގާއިމްކޮށްދިނުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"ނޫސްވެރިކަމަށް ބޭނުންވާނެ މައުލޫމާތު ފަސޭހަކަމާއެކު ނޫސްވެރިންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި އެންމެހައި ފަރާތްތަކަށް މި ދުވަހުގެ މުނާސަބަތުގައި މި ކޮމިޝަނުން ގޮވާލަމެވެ،" ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފާހަގަކޮށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ވަކި ފަރާތަކަށް ބުރަނުވެ، ސައްހަ ޙަބަރާއި މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ އެކަން ކުރާ ފަރާތްތަކަށް ހުރި ނުރައްކަލަކަށް ވެގެން ނުވާނެ ކަމަށެވެ.

"މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމުގައި ބިރުވެރިކަމާއި ނަމާންކަމެއް ނެތި، މިނިވަން ކަމާއެކު އެ މައުލޫމާތުތައް ހާމަކުރެވެން ޖެހޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ބޭނުން ކުރުމުގައި އެހެން ފަރާތްތަކުގެ އަބުރާއި ގަދަރަށް އުނިކަން ނުލިބޭނެ ގޮތަށް ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ އެދިފަ އެވެ.

"މީޑިއާއަކީ ހުރިހާ ފަރާތްތަކުން ވެސް ކިޔައި ބަލައި އަޑުއަހާ އެއްޗަކަށްވާ ހިނދު ގެނެސްދެވޭ މައުލޫމާތަކީ މުޖުތަމައުގެ އިޖުތިމާއީ މިންގަނޑުތަކަށް ތެރޭ އެންމެންގެ ހައްގުތަކަށް ރައްކާތެރިވެވޭ ގޮތަށް ގެނެސްދެވޭ މައުލޫމާތަކަށް ވާންޖެހެ އެވެ،"