02 May 2014, 21:52
މި މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން މާލެ ވަށައިގެން ޖެޓްސްކީ ބުރެއް ބާއްވައިފި އެވެ.
ޗެލެންޖް ކަޕްގެ ފޯރި ގަދަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިންތިޒާމު ކޮށްގެން ބޭއްވި ޖެޓްސްކީ ބުރު ފެށީ މިއަދު ހަވީރު 4:00 ގައެވެ.
ހަވީރު ކުރިއަށް ދިޔަ ޖެޓްސްކީ ބުރުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އިލްހާމް އަހްމަދު ބައިވެރި ވަޑައިގެންނެވި އެވެ.
ރައީސް އޮފީސް ކުރިމަތިން ފެށުނު ޖްޓްސްކީ ބުރުގައި ޗެލެންޖް ކަޕުގައި ބައިވެރިވާ އެކި ގައުމުތަކުގެ ދިދަތައް ފެނިގެންދިޔަ އެވެ. ޖެޓްސްކީތަކުގައި މާލެ ވަށައި އެއްބަރު ޖެހުމަށް ފަހު، ޖެޓްސްކީތައް ދިޔައީ އާރަށަށެވެ. ޖެޓްސްކީތައް އެނބުރި މާލެ އައީ ރައީސް އަބްދުﷲ ޔާމީން އާއި ނައިބު ރައީސް މުހައްމަދު ޖަމީލު އަހްމަދުއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
ޖެޓްސްކީގެ ހަރަކާތްތަކަށް ފަހު، މާދަމާ އައްޑޫގައި މުބާރާތުގެ ޓްރޮފީ ދައްކާލުން އޮންނާނެ އެވެ. އަދި މިމަހު 10 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހު ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން އެމްއެމްއާރްސީ އިން ވަނީ ނިންމައިފަ އެވެ.