02 May 2014, 20:17
ފަހަތުން އަރައި ޕޮލިސް ކްލަބު ބަލިކޮށް، މައިލޯ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ހޯދައިފި އެވެ.
ފައިނަލް މެޗަށް ޕޮލިސް ކްލަބާއި ޑީއެސްސީ ނުކުތް އިރު، މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލު މެޗު ޑީއެސްސީ ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. މެޗުގެ ކުރީ ކޮޅުގައި ޕޮލިސް ކްލަބުން ދެ ލަނޑު ކާމިޔާބުކުރި ނަމަވެސް ސިފައިންގެ ކްލަބުގެ މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.
މެޗުގައި ޕޮލިސް ކްލަބުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރަތުބަޔަކެ މުޑިޔަންސެލަގެ ޗަލަނީ ކުމާރީ އެކަނަރަކެ އެވެ. އޭނާ ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ޑީއެސްސީގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އައިމިނަތު ޒާހިޔާ އެވެ. ޒާހިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު، ފަހު ދެ ލަނޑު ފެނުނީ ދެވަނަ ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ހެޓްރިކެއް ފުރިހަމަ ކުރި ޑީއެސްސީގެ ޒާހިޔާ އެވެ.
ފައިނަލު މެޗު ނިންމާލުމަށް ފަހު، މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްފައި ވެއެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ޖާޒީ ނަންބަރު 17 މަރިޔަމް މުހައްމަދު (މާޔަން) އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ އެރާންޑީ ކޭއައިއެލް އާއި ސިފައިިންގެ ކްލަބުގެ ޒާހިޔާ އާއި ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ޗަލާނީ އާއި ސިފައިންގެ ކްލަބުގެ ފާތިމަތު އަފްޒާ އަދި އޭޑީކޭ ސިނާޖީގެ އަރީޝާ ރިޒާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ހޮވުނީ ފައިނަލުގެ މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑީއެސްސީގެ ޒާހިޔާ އެވެ. މުބާރާތުގައި ޒާހިޔާ ވަނީ ޑީއެސްސީ އަށް 19 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ކްލަބު މޯލްޑިވްސް ކަޕުގެ ފައިނަލުގައި ޕޮލިސް ކްލަބާއި އެސްޓީއޯ ބައްދަލުކުރާ މެޗު މާދަމާ ހަވީރު ކުޅޭނެ އެވެ. މާފަންނު މިނީ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ.