ބައިނަލްއަގްވާމީ އެއާލައިންތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ "ވަންވޯލްޑް"ގައި ދެކުނު އޭޝިއާ ސަރަހައްދުން ބައިވެރިވި ފުރަތަމަ އެއާލައިންގެ ގޮތުގައި ޝްރީލަންކަން އެއާލައިންސް ރަސްމީކޮށް އެ ޖަމިއްޔާގެ މެންބަރަކަށް ވެއްޖެ އެވެ.

ދުނިޔޭގެ މަތީފެންވަރުގެ އެއާލައިންތައް ތަމްސީލުކުރާ ޖަމިއްޔާގެ މެންބަރަކަށް ޝްރީލަންކާގެ ގައުމީ އެއާލައިން ރަސްމީކޮށް ހަމަޖެހިގެން ދިޔައީ، މިމަހުގެ އެއްވަނަ ދުވަހު އެވެ. ވަންވޯލްޑްގެ ފުރިހަމަ މެންބަރުކަށް ހޯދި 15 ވަނަ އެއާލައިންގެ ގޮތުގައި އެ ޖަމިއްޔާއާ ގުޅުނު ސްރީލަންކަން އެއާލައިންސް އަކީ، ދެކުނު އޭޝިއާ ސަރަހައްދުން އެ ޖަމިއްޔާއާ ގުޅުނު ފުރަތަމަ އެއާލައިންގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުން އެ ޖަމިއްޔާއާ ގުޅުނު ފަސްވަނަ އެއާލައިނެވެ.

ވަންވޯލްޑްގެ މެންބަރެއްގެ ގޮތުގައި ސްރީލަންކަން އެއާލައިންސް ބައިވެރިކުރުމަށް އެ އެއާލައިންގެ މެންބަޝިޕް ސްޕޮންސާ ކޮށްފައިވަނީ، ކެތޭ ޕެސިފިކް އިންނެވެ.

ސްރީލަންކަންއަށް ވަންވޯލްޑްގެ މެންބަޝިޕް ރަސްމީކޮށް ހަވާލުކުރުމަށް ލަންކާގެ މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ބޭއްވި ރަސްމިއަޔާތުގައި، އެ އެއާލައިންގެ ޗެއާމަން ނިޝާންތަ ވިކްރަމަސިންހަ ވިދާޅުވީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް، ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިފަދަ ދަނޑިވަޅެއްގައި، ވަންވޯލްޑް ޖަމިއްޔާއާ ގުޅުމަކީ ސްރީލަންކަންއަށް މިހާތަނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުން ކަމަށެވެ. އަދި މީގެ ސަބަބުން އެ އެއާލައިން އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެއާލައިންސް ތަކުގެ ޖަމިއްޔާއާ ގުޅުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއަށް މިވަނީ ދުނިޔޭގެ އޭވިއޭޝަން ސިނާއަތުގެ ތެރެއަށް އިތުރު ފުރިހަމަކަމަކާ އެކު ވަދެވިފައި. އަދި މިއީ ދުނިޔޭގެ އެހެނިހެން ހިސާބުތަކާ ގުޅައިލުމަށް މި އެއާލައިނަށް ލިބުނު އިރުތު ކުރިއެރުމެއް. މީގެ ސަބަބުން މި ގައުމުގެ ވިޔަފާރިއާއި ފަތުރުވެރިކަމަށް ވަރަށް އެދެވޭ އަސަރުތަކެއް ކުރާނެ،" ނިޝަންތަ ވިކްރަމަސިންހަ ވިދާޅުވި އެވެ.

ވަންވޯލްޑްގެ މެންބަރަކަށް ވުމާއެކު ސްރީލަންކަން އެއާލައިންސް އިން ވަނީ، އެ ޖަމިއްޔާގެ "ރޫޓް-މެޕް"ގައި ހިމެނޭ އިތުރު ދެ މަންޒިލަކަށް ދަތުރުކުރަން ފެށުމަށް ނިންމައިފަ އެވެ. އަލަށް ދަތުރުކުރާން ހަމަޖެހުނު ދެ މަންޒިލަކީ، ލަންކާގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހަމްބަންޓޯޓާ އާއި ދެކުނު އިންޑިއާގެ ތިރުޗިރަޕައްލީ އެވެ.

ވަންވޯލްޑް ޖަމިއްޔާގައި ހިމެނޭ އެއާލައިން ތަކުން މިހާރުވެސް ދުނިޔޭގެ 150 ގައުމެއްގެ 1000 އެއާޕޯޓަކަށް ދަތުރުކުރާއިރު، ދުވާލެއްގެ މައްޗަށް 14,250ދަތުރުކޮށް އަހަރެއްގެ ތެރޭގައި 500 މިލިޔަނެއްހާ ދަތުރުވެރިންނަށް ހިދުމަތްދެ އެވެ.

ވަންވޯލްޑްގެ ދަތުރުތަކުގައި ސްރީލަންކަން އެއާލައިންސްގެ A330 މަރުކާގެ އެއާބަސް މަތިންދާބޯޓު ބޭނުންކުރަން ފަށާފައިވާއިރު، އެ ޖަމިއްޔާގެ ސީއީއޯ ބްރޫސް އެޝްބީ ވިދާޅުވީ، މިއީ އެ ޖަމިއްޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސްރީލަންކަންގެ ބޯޓުތައް ވަންވޯލްޑްގެ ދަތުރުތަކުގައި ބައިވެރިވުމުން އެ ޖަމިއްޔާއިންދޭ ހިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އަކީ ވޭތުވެދިޔަ ފަސްވަރަކަށް އަހަރުދުވަހުގެ ތެރޭގައި ވަންވޯލްޑްގެ މެންބަރުކަން ހޯދި ހަތްވަނަ އެއާލައިން އެވެ. 2009 ވަނަ އަހަރުގެ ފަހުން އެ ޖަމިއްޔާއާ ގުޅުނު އެއާލައިންސް ތަކަކީ، އެސް7، އެއާ ބާލިން، މެލޭޝިއަން އެއާލައިންސް، ގަތަރު އެއާވޭސް، ޓީއޭއެމް އަދި ޔޫއެސް އެއާވޭސްއެވެ. އަދި އޭގެ ކުރިން އެޖަމިއްޔާގެ މެންބަރުގެން ގޮތުގައި ހިމެނެނީ، އެމެރިކަން އެއާލައިންސް، ބްރިޓިޝް އެއާވޭސް، ކެތޭ، ފިންއެއާ، އައިބީރިއާ، ޖަޕާން އެއާލައިންސް، ލޭން އެއާލައިންސް، ގަންޓަސް އަދި ރޯޔަލް ޖޯޑަން އެވެ.

ރާއްޖެއަށް އެންމެ ގިނަ ދަތުރުތައް ކުރަމުންދާ ބޭރުގެ އެއާލައިންސް ތަކުގެ ތެރޭގައި ސްރީލަންކަން ހިމެނޭއިރު އެ އެއާލައިނުން 21 މަތިންދާބޯޓެއްގައި މިހާރުވެސް އަށް ގައުމެއްގެ ބޮޑެތި ސިޓީތަކަށް ދަތުރުކުރަމުންދެ އެވެ.