ގެއްލިގެން ހޯދަމުންދާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް 370 އިން ދަތުރުކުރި ފަސިންޖަރުންގެ އާއިލާ މެންބަރުން ގެއަށް ދިއުމަށް އެ އެއާލައިނުން އިލްތިމާސްކޮށްފި އެވެ.

މާޗް މަހު އަށްވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތައް ވަނީ ފްލައިޓުގެ މައުލޫމާތު ހޯދުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ހޮޓެލްތަކުގައި ހޭދަކޮށްފަ އެވެ.

"އެމްއެޗް 370 އިން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކުން ހޮޓެލްތަކުގައި ތިބުމުގެ ބަދަލުގައި އެނބުރި ގެއަށް ދިއުމަށް އިލްތިމާސްކުރަން. ފްލައިޓުގެ މައުލޫމާތުތައް އެ މީހުންނަށް ލިބޭނެ އިންތިޒާމް އެއާލައިނުން ހަމަޖައްސައިދޭނެ،" ފަސިންޖަރުންގެ އާއިލާތައް ގެއަށް ދިއުމަށް އިލްތިމާސްކޮށް މެލޭޝިއާ އެއާލައިންސް އިން ނެރުނު ބަޔާނުގައި ވެއެވެ.

ގެއަށް ދިއުމަށް މެލޭޝިއާ އެއާލައިންސް އިން އެންގުމުން ހިތްހަމަ ނުޖެހިފައި ތިބި މީހުންގެ ރުޅިވެރިކަން ވަނީ އިތުރުވެގެން ގޮސްފަ އެވެ.

"އަހަރެމެން ދެން ކީތް ކުރަންވީ؟ އަހަރެމެންގެ އާއިލާ މެންބަރުންތައް ހޯދައިދޭނީ ކޮންބައެއް؟" ބެއިޖިންގްގެ ހޮޓަލެއްގައި ފްލައިޓުގެ އިންތިޒާރުގައި ހުރި މީހަކު ފުލުހަކާ ސުވާލު ކުރަމުން ބުންޏެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.