02 May 2014, 15:20
އދ. މަޖިލިސް (މޭ 2): ދެކުނު ސޫދާނުގައި ހިނގަމުންދާ ދާހިލީ އަރައިރުންތަކާއި ތަޅައިފޮޅުންތައް ކޮންޓްރޯލުން ނެއްޓިގެން ދާ ކަމަށާއި ނަމަވެސް ރުވަންޑާގައި ހިނގައިދިޔަފަދަ ނަސްލު ނައްތައިލުމުގެ ބޮޑު ގަތުލު އާންމަކަށް އެއަރައިރުންތައް ބަދަލުވެގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކޮމިޝަނަރު ނަވީ ޕިއްލޭ ވިދާޅުވެއްޖެ އެވެ.
ޕިއްލޭ ވިދާޅުވީ، ދެކުނު ސޫދާނުގައި ހިނގަމުންދާ ހަތަރު މަސްދުވަސްވީ ތަޅައިފޮޅުންތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާ ވޭނާއި ކެކުޅުންތަކާމެދު ހިތްފަޅައިގެންދާވަރުވާ ކަމަށާއި ދެކުނު ސޫދާނުގެ ދާހިލީ ހަނގުރާމަ ހުއްޓުވުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރައްވާނެ ކަމުގައެވެ.
ޕިއްލޭ ވިދާޅުވީ، ދެކުނު ސޫދާން ދެވަނަ ރުވަންޑާއަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި އެގައުމުގެ ތަޅައިފޮޅުންތަކުގެ ފަހަތުގައި ތިއްބެވި އެގައުމުގެ ރައީސް ސަލްވާ ކީރު އާއި ކުރީގެ ނައިބުރައިސް ރިޔަކް މުޝާރަށް ފިއްތުންތައް ކުރިމަތިކޮށް ހަނގުރާމަ ހުއްޓުވުމަށް މަޖްބޫރުކުރުމަށް އދ. އިން މަސައްކަތްކުރާނެ ކަމުގައެވެ.
އަނެއްކޮޅުން ދެކުނު ސޫދާނުގައި ހިނގަމުންދާ ދާހިލީ އަރައިރުންތަކާއި ތަޅައިފޮޅުންތައް ކޮންޓްރޯލުން ނެއްޓި ނަސްލު ނައްތައިލުމުގެ ގަތުލުއާންމު ތަކަކަށް އެއަރައިރުންތައް ބަދަލުވަމުންދާ ކަމުގެ އިންޒާރު އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީވެސް ވަނީ ދެއްވާފަ އެވެ. .
ދެކުނު ސޫދާނުގައި ހިނގަމުންދާ ދާހިލީ އަރައިރުންތައް ނިމުމަކަށް ގެނެވޭނެ ގޮތްތަކާބެހޭގޮތުން އެގައުމުގެ އަވަށްޓެރި ތިންގައުމު ކަމަށްވާ އިތިއޮޕިޔާ، ޔުގަންޑާ އަދި ކެންޔާގެ ހާރިޖީވަޒީރުންނާ އެޑިސްއަބާބާގައި އިއްޔެ ބައްދަލުކުރެއްވުމަށްފަހު ކެރީ ވިދާޅުވީ، ދެކުނު ސޫދާނުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނެވޭނީ ސުލްހައިގެ ބާރުގަދަ ލަޝްކަރެއް އެގައުމުގައި އަވަސްގޮތަކަށް ރުކުރުވާލައިގެން ކަމަށެވެ. އަދި ސުލްހައިގެ ލަޝްކަރު ރުކުރުވައިލުން ލަސްކޮށްފިނަމަ ކުށެއްނެތް އެތަށްބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށާއި، ބައިނަލްއަގްވާމީ ލަޝްކަރެއް ރުކުރުވައިލައިގެން ދެކުނު ސޫދާނުގައި ސުލްހަ ގާއިމްކޮށް ލޭއޮހޮރުވުންތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ވެސް އެއްބަސްވާ ކަމަށް ކެރީ ވިދާޅުވި އެވެ.
ދެކުނު ސޫދާނުގައި ރުކުރުވައިލުމަށް ކެރީ އިޝާރާތް ކުރެއްވި ސުލްހައިގެ ބާރަކީ، އދ. ގެ ބެލުމުގެ ދަށުން އެކުލަވައިލާ އެފްރިކާގެ ގައުމުތަކުގެ ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ކަމަށް އޭނާގެ ތަރްޖަމާނަކު ވިދާޅުވެފައި ވެއެވެ.
ދެކުނު ސޫދާނަކީ ނަސާރާއިންގެ އަޣްލަބިއްޔަތެއް އޮންނަ ގައުމެކެވެ. ދެކުނު ސޫދާނުގެ ރައްޔިތުންގެ ހިމާޔަތުގައި އދ. އާއި އެމެރިކާ މިމޭރުމުން ވާހަކަ ދައްކަމުން ގެންދާއިރު ސެންޓްރަލް އެފްރިކަން ރިޕަބްލިކް ގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ނަސާރާ ޖަމާއަތްތަކުން ހިންގަމުން ގެންދާ ގަތުލު އާންމުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ތުހުމަތު އދ. އާއި އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ. އަދި މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުންގެންދާ ގަތުލު އާންމުތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކަށް ލޯމަރާލައިގެން އޮންނަކަމުގެ ތުހުމަތުވެސް އދ. އާއި އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)