02 May 2014, 15:10
މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރުން އަމަލުކުރަން ފެށި ގަވާއިދާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކަން ފަސްކޮށްދިނުމަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން އެދިއްޖެ އެވެ.
އީޔޫ މިހެން ބުނީ އެ އިއްތިހާދުގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް ކެތަރިން އެޝްޓަންގެ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގަ އެވެ.
"ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން އަމަލުކުރަން ފެށި ގަވާއިދާ މެދު ހައި ރެޕްރެޒެންޓެޓިވް ކަންބޮޑުވެލައްވަ އެވެ. މަރުގެ ހުކުމް ތަންފީޒުކުރުން 1953 ވަނަ އަހަރު ހުއްޓާލުމާއެކު، އަލުން އެ ހުކުމް ތަންފީޒުކުރަން ފެއްޓުމުން ގިނަ އަހަރުތަކެއް ވަންދެން ފަސްކުރަމުން އައި ހުކުމް އަލުން ހިނގަން ފަށާނެ އެވެ. ހައި ރެޕްރެންޒެންޓެޓިވް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، މަރުގެ ހުކުމުގެ ގަވާއިދާ މެދު ދެކޮޅު ހައްދަވަ އެވެ." އީޔޫގެ ބަޔާނުގައި ވެއެވެ.
މި ހުކުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް ހިމާޔަތްކުރުމަށް ގިނަ ހުރަސްތަކަކާއި ކުރިމަތިވާނެ ކަމަށާއި ގާނޫނުތަކަށް އުނިކަމެއް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މި ހުކުމު ތަންފީޒުކޮށްފި ނަމަ، ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އުނިކަމެއް އަންނާނެ އެވެ. މަރުގެ ހުކުމަކީ އިންސާނާއަށް ބޮޑު ވޭނެއް ލިބޭ ލާ އިންސާނީ އަމަލެކެވެ. އެހެންކަމުން ހުރިހާ ކަމަކަށް ބެލުމަށް ފަހު، މި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަކީ ހައި ރެޕްރެޒެންޓޭޓިވްގެ ވަރަށް ބޮޑު އެދުމެކެވެ." ބަޔާނުގައި ވެއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ގަވާއިދަށް ދިވެހި ސަރުކާރުން އަމަލު ކުރަން ފެށުމުން އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ގަވާއިދު އުވާލުމަށް ގޮވާލައިފަ އެވެ.