ނިމެމުން މިދާ 2010 ވަނަ އަހަރު ދުނިޔޭގެ 33 ޤައުމެއްގައި ނޫސްވެރިންގެ 105 މީހަކު މަރާލާފައިވާ ކަމަށް ޕްރެސް އެމްބްލެމް ކޮންޕެނީން ބުނެފިއެވެ. ޖެނީވާގައި މަރުކަޒު ހުންނަ މި ޖަމްޢިއްޔާއިންބުނީ 2008 ވަނަ އަހަރާބަލާއިރު 2010 ވަނަ އަހަރު ނޫސްވެރިނަށް ކުރިމަތިވި މަރުގެ ޙާދިޘާތަކާއި ޖިސްމާނީ ގެއްލުންތައް ބޮޑުކަމުގަ އެވެ. ނަމަވެސް 2009 ވަނަ އަހަރު ފިލިޕީންސްގައި 122 ނޫސްވެރިއަކު މަރާލާފައިވާތީ އެއަހަރަށްވުރެ މިއަހަރު މަރާލެވިފައިވާ ނޫސްވެރިންގެ ޢަދަދު މަދުކަން މި ޖަމްޢިއްޔާއިން ފާހަގަކުރެ އެވެ. 2010 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާލާފައިވަނީ މެކްސިކޯގަ އެވެ. އެއީ 14 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ ޕާކިސްތާނުގަ އެވެ. އެއީ 13 މީހުންނެވެ. އެއަށްފަހު ހޮންޑިއުރަސް އެވެ. އެއީ 9 މީހުންނެވެ. މީގެކުރިން ނޫސްވެރިންނަށް އެންމެ ނުރައްކާ ބޮޑު އެއްޤައުމު ކަމަށްވާ ޢިރާޤު މިއަހަރު އައީ 4 ވަނަ އަށެވެ.


ނޫސްވެރިން މަރާލާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ކޮލޮންބިޔާ، އަދި އަފްޣާނިސްތާނެވެ. ހަމައެފަދައިން އިސްރާއީލަކީވެސް ނޫސްވެރިންނަށް ޙަމަލާދީ ނޫސްވެރިންނަށް ބިރުދައްކަމުން ގެންދާ ޤައުމެކެވެ. އިސްރާއީލުން އިސްތިޢްމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް އިސްރާއީލުން ގަސްދުގައި ޙަމަލާދެމުން ގެންދެ އެވެ. އެމެރިކާއަކީވެސް ނޫސްވެރިނަށް ޙަމަލާދީ ނޫސްވެރިން މެރުމުގެ ޖަރީމާ ހިންގަމުން ގެންދާ ޤައުމެކެވެ. ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ނޫސްވެރިންނަށް ޙަމަލާ ދީ ނޫސްވެރިން މަރަމުން ގެންދެ އެވެ.