02 May 2014, 14:50
އިންޑިއާގައި ހައްދާ އަނބާއި، ތަރުކާރީގެ ބައެއް ބާވަތްތައް ވިލާތުގެ ގައުމުތަކަށް އެތެރެކުރުން ވިލާތުގެ އިއްތިހާދު (އީޔޫ) އިން މަނާކޮށްފި އެވެ.
އަނބުގެ އިތުރުން އިންޑިއާއިން ވިލާތާށް އެތެރެކުރުން މަނާކޮށްފައިވަނީ، ވިލާތު ބައްޓާއި، ދެވައްތަރެއްގެ ބަރަބޮލާއި އަދި "އިންޑިއަން ފުޑް" ތައްޔާރު ކުރަން ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ.
އީޔޫގެ ގައުމުތަކަށް އިންޑިއާ އިން އަނބު އެތެރެކުރުން މަނާކުރީ، އެގައުމުން ވިލާތުގެ ބައެއް ގައުމުތަކަށް އެތެރެކުރި ގިނަ އަދަދެއްގެ އަނބުގައި ދިރޭ ސޫފި ތަކެއް، "ޕެސްޓް" ތަކެއް ހުރުމުންނެވެ. އެގޮތުން އެގައުމުން ޔޫރަޕަށް އެތެރެކުރި އަނބު ޝިޕްމަންޓް ތަކަކުން "ފުރުޓް ފްލައި" ތަކެއް ފެނިފައިވާ ކަމަށް ބީބީސީގައި ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި އަނބުގެ ބާޒާރަށް އަހަރަކު 60 މިލިއަން ޕައުންޑް ޖެހޭއިރު އޭގެތެރެއިން 6.3 މިލިޔަން ޕައުންޑުގެ އަނބު އިންޑިއާ އިން އެތެރެކުރާކަމަށް ވެއެވެ. އެގައުމަށް އަހަރަކު 56,205 ޓަނުގެ އަނބު އެތެރެކުރާއިރު އޭގެތެރެއިން 4,816 ނުވަތަ 8.5 އިންސައްތަ އަނބު އެތެރެކުރަނީ އިންޑިއާއިންނެވެ.
އިންޑިއާގެ އަނބު ވިލާތަށް އެތެރެކުރުން މަނާކުރި މައްސަލައާ ގުޅިގެން އިނިގިރޭސި ވިލާތަށް އަނބު އެތެރެކުރާ ފަރާތެއް ކަމަށްވާ މޮނިކާ ބަންޑާރީ ބުނީ، އެފަދަ ފިޔަވަޅެއް އެޅިއިރު، އިއްތިހާދުން އެމީހުންނާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
އިންޑިއާގެ އަނބު އެކްސްޕޯޓުކުރާ ފަރާތްތަކުން ބުނީ، ވިލާތަށް އެގައުމުގެ އަނބު އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގައިދިނުމަށް އެދި ބެލްޖިއަމްގެ ވެރިރަށް ބުރުސެލްސްގައި އިއްތިހާދުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އިންޑިއާގެ އަނބު ވިލާތުގެ އިއްތިހާދަށް އެތެރެކުރުން މަނާކުރުމާގުޅިގެން އެގައުމުގައި އަނބުގެ އަގުވަނީ، 15 އިންސައްތައަށް ދަށަށް ގޮސްފަ އެވެ.
ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސްގެ ޑިރެކްޓާ ޖެނެރަލް އަޖޭ ސަހާއި ވިދާޅުވީ، އިއްތިހާދުން ފެންމަތިކުރި އެމައްސަލަ މިދިޔަ މާޗް މަހުގެ ތެރޭގައި ފާހަގަކުރެވުނު ހިސާބުން ފެށިގެން އެކަމަށް ހާއްސަ ސަމާލުކަމެއްދީ އެކަންކަން ރަނގަޅުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ބްރެޒިލް، ޕެރޫ، ކެންޔާ، ޔުގެންޑާ، ޕާކިސްތާން އަދި ބަނގުލަދޭޝްއިން ގިނަ އަދަދަކަށް އަނބު އެތެރެކުރާ އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް އިން އިންޑިއާގެ އަނބު އިއްތިހާދަށް އެތެރެކުރުން މަނާކުރުމަށް ބާރުއެޅި ނަމަވެސް މިހާރު އެފަރާތުން ގެންދަނީ، އިންޑިއާ އަދި އިއްތިހާދުގެ ފަރާތްތަކާ މަޝަވަރާކޮށްގެން މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.