ހދ. ނޮޅިވަރަމް ފަރަށް ކަންނެލި ދޯންޏެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ނޮޅިވަރަމް ފަރަށް އެރި ކަންނެލި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، އެމްއެންޑީއެފް އާއި އެ ދޯނީގެ ފަޅުވެރިންތަކެއް މަސައްކަތްކުރަމުންދާ ކަމަށް ނޮޅިވަރަމް ކައުސިލުން މައުލޫމާތުދެ އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަބްދުއްރަހީމް ހުސެއިން ވިދާޅުވީ، ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، އެ ދޯނީގައި ހުރި މުދާތައް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ކަންނެލި ދޯނި ފަރަށް އެރީ މިއަދު ހެނދުނު ގާތްގަނޑަކަށް ހައެއް ޖަހާކަށް ހާއިރު. ދޯނީގައި ކޮންމެވެސް ވަރަކަށް ކަންނެލި ހުރި. މިހާރު ދަނީ ކަންނެލި ފޮށިތައް އެއްގަމަށް އަރުވަމުން. ދޯނި ފަރަށް އެރުމަށް ދިމާވީ އެ ދޯނީގައި މަސައްކަތްކުރާ ނޮޅިވަރަމް މީހަކު ބަލައި ބަނދަރު ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި. ފަރަށް އެރި ދޯންޏަކީ މާލޭގެ ފްރެޝް ކުންފުނީގެ ދޯންޏެއް. އެ ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،" ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިހާރު ދިޔަވަރު ފުން ނުވުމުގެ ސަބަބުން ދޯނި ފުން ކުރުމުގެ މަސައްކަތަށް ދަތިތަކެއް ވެފައިވާ ކަމަށެވެ.

"ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފް އާއި އެ ދޯނި ނިސްބަތްވާ ކުންފުނީގެ މުވައްޒަފުން ގުޅިގެން. މި ވަގުތު ދިޔަ ވަރު އެހާ ފުނެއް ނޫން. މިހާރު ނިންމާފައި އޮތީ ތަންކޮޅެއް ދިޔަވަރު ފުން ވަގުތަކަށް ބަލާފައި ފުންކުރާ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނޮޅިވަރަމް ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބައެއް އުޅަނދު ފަހަރު އެ ރަށު ފަރަށް އަރުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.