02 May 2014, 13:45
ދިމިޝްގު (މޭ 2) : ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ޙަލަބްގެ މީހުން ތޮއްޖެހިފައިވާ ބާޒާރަކަށް އެގައުމުގެ ސަރުކާރު ސިފައިންދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި 50 އަށް ވުރެ ގިނަ މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާ ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޙަލަބްގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ހަލްކު އަވަށުގެ ބާޒާރަކަށް ކަމުގަ އެވެ. ޙަލަބް އަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ އެންމެ ބޮޑު ސިޓީ އެވެ. ސޫރިޔާ ސިފައިން ދެކޭ ގޮތުގައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސިޓީތަކާއި ވިލެޖްތަކާ އަދި އަވަށްތަކަށް އިދިކޮޅު ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތައްރާވައި އެހަމަލާތަކަށް ތައްޔާރުވުމަށާއި އަދި ހަތިޔާރު ރައްކާ ކުރުމަށް ވެސް އިދިކޮޅު ހަނގުރާމަވެރިން ބޭނުންކުރާ މައިމަރުކަޒަކީ ހަލަބް އެވެ.
ހަލަބް އަށް ހަތިޔާރު އެތެރެކުރަނީ ތުރުކީއާ ގުޅިފައިވާ ސަރަހައްދީ ރޮނގު ހުރަސްކޮށްކަމަށާ ޙަލަބް ގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ މަރުކަޒުތައް ހަލާކުކޮށް އެރަށުން ހަނގުރާމަވެރިން ފައްސާލެވިއްޖެ ނަމަ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަލާތައް ދިނުމުގެ ގާބިލްކަން އިދިކޮޅު ހަނގުރާމަވެރިންގެ ކިބާގައި ކުޑަވެގެންދާނެ ކަމަށް ސޫރިޔާ ޖެނެރަލަކު ވިދާޅުވި އެވެ. ސޫރިޔާގެ ވައިގެ ސިފައިން ޙަލަބް އަށް އިއްޔެ ޙަމަލާތައް ދީފައި ވަނީ ގޮވާތަކެތި އަޅައި ފުރާފައިވާ ފީފާތަކެއް ބޮމުގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ.
ޙަލަބްގައި ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިން ބުނެފައި ވަނީ ސަރުކާރު ސިފައިން އިއްޔެދިން ޙަމަލާތަކުގައި 40 މީހުން މަރުވެފައިވާ އިރު މީގެތެރޭގައި ގިނައީ އާންމުން ކަމަށާ މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ ކާކުކަންނޭނގޭ މިންވަރަށް ފިހިފައި ކަމުގަ އެވެ. އަދި ސޫރިޔާ ސިފައިންގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކެއް ވެސް ހަލާކުވެފައިވާ ކަމަށް ހަލަބްގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ މީޑިޔާ އޮފީހުން ބުނެފައިވެ އެވެ.
ޙަލަބްގެ ބާޒާރަކަށް ސޫރިޔާ ސިފައިން އިއްޔެ ޙަމަލާތައް ދީފައި މިވަނީ މިދިޔަ ބުދަ ދުވަހު ވެސް ސޫރިޔާ ސިފައިން އެރަށަށް ވަރުގަދަ ހަމަލާތަކެއްދީ 18 މީހުން މަރާލާފައިވަނިކޮށެވެ. އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ޙަލަބް އަށް ސޫރިޔާ ސަރުކާރު ސިފައިން މިހާ ވަރުގަދައަށް ހަމަލާތައް ދޭންފަށާފައި މިވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ދިމިޝްގާއި ޙިމްސްގައި ކާރުބޮންތަކެއް ގޮއްވާލައިގެންނާއި މޯޓަރުބަޑިން މިދިޔަ ހޯމަ ދުވަހު ދިން ޙަމަލާތަކެއްގައި 105 މީހުން މަރުވެ 150 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވަނިކޮށެވެ.
ދިމިޝްގާއި ޙިމްސް އަށް ދިން ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ސޫރިޔާ ސަރުކާރުން ތުހުމަތު ކުރަނީ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށެވެ. ނަމަވެސް ދިމިޝްގާއި ޙިމްސް އަށް ދިން ޙަމަލާތަކުގެ ޒިންމާ އިދިކޮޅު ހަނގުރާމަވެރިން އުފުލާފައެއްނުވެ އެވެ. (އަލްޖަޒީރާ)