ކިޔެވް (މޭ 2) : ޔުކްރޭންގެ އިރުމަތީ ސަރަހައްދުގައި އުދުހެމުން ދިޔަ އަސްކަރީ ދެހެލިކޮޕްޓަރު ވައްޓާލައި އޭގައިތިބި ދެ ޕައިލެޓުން މަރާލައިފި ކަމަށް އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުން ބުނެފި އެވެ. ޔުކްރޭންގެ ސަރުކާރުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ޔުކްރޭންގެ ދާޚިލީ ވަޒީރު އަރުސިން އަވަކޯވް ވިދާޅުވީ އިދިކޮޅު ހަނގުރާމަ ވެރިންނާ ދެކޮޅަށް ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާ ޢަސްކަރީ ދެ ހެލިކޮޕްޓަރު ވައްޓާލުމުގެ ސަބަބުން ދެ ޕައިލެޓުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމުގަ އެވެ.

އަނެއްކޮޅުން ޔުކްރޭންގެ ސިފައިންގެ މުއައްސަސާގައި ވަކިމުއްދަތަކަށް ޚިދްމަތް ކުރުމަށް ޔުކްރޭންގެ ޒުވާނުންނަށް މަޖްބޫރުކުރާ ގަރާރެއް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް އިއްޔެ ވަނީ ނެރުއްވާފަ އެވެ. ތުރްޗިނޯވްގެ އޮފީހުން ބުނި ގޮތުގައި މިގަރާރު ނެރެންޖެހުނީ ޔުކްރޭނަށް މިހާރު ކުރިމަތިވެފައިވާ އަމަނާ ބެހޭ މައްސަލަތަކާ ކުރިމަތިލުމުގެ ގޮތުން އެގައުމުގެ ސިފައިންގެ ލަޝްކަރުތައް މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ބޭނުމުގަ އެވެ.

ޔުކްރޭނަށް ކުރިމަތިވެފައިވާ އަމަނާ ބެހޭ މައްސަލަތަކުގެ ތެރޭގައި އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ ބާރުގަދަވެ އިތުރު ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ދިޔުމުގެ ބިރު ހީވެފައިވުމާއި ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރި އަށް ރަޝިޔާގެ ،000 40 ސިފައިން ބަރުހަތިޔާ އެކު ޖަމާކޮށްފައިވުން ހިމެނޭ ކަމަށް ތުރްޗިނޯވްގެ އޮފީހުން ނެރުނު ބަޔާނެއް ބުނެ އެވެ.

ތުރްޗިނޯވް ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ އިދިކޮޅު ޖަމާއަތްތަކުން އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ހިންގަމުންގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ޔުކްރޭންގެ ސަލާމަތީ ބާރުތައް ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބާރު އެންމެ ގަދައީ ދޮނިތްސިކް ސަރަހައްދާއި ލޮހާންސް ސަރަހައްދުގަ އެވެ. އެދެ ސަރަހައްދުގެ ބޮޑުބައެއް އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލްކުރަމުން ގެންދާ އިރު އެމީހުން ގެންދަނީ އެހެން ސަރަހައްދުތައް ވެސް ހިފުމަށް މަސައްކަތްކުރަމުންނެވެ.

އަނެއްކޮޅުން އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ޔުކްރޭންގެ ސިފައިން ބާރުގެ ބޭކޮށްފިނަމަ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ގެ ހުޅުގަނޑު ފަޅައިގެން ދިޔުމުގެ ބިރުވެސްވަނީ ހީވެފަ އެވެ. އިދިކޮޅު ޖަމާއަތްތަކުން ވަނީ ޔުކްރޭންގައި ހަރަކާތްތެރިވާ ޔޫރަޕްގެ އޮބްޒާވަރުންގެ 10 މީހަކު ވެސް ހައްޔަރުކޮށް ރަހީނުންގެ ގޮތުގައި އެމީހުން ހިފަހައްޓާފަ އެވެ. ސިއްހީ ސަބަބުތަކަށްޓަކައި އޭގެތެރެއިން އެކަކު ދޫކޮށްލާފައިވާއިރު އަނެއް ނުވަ މީހުން މިނިވަންކުރާނީ ރަޝިޔާއާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ. (ރޮއިޓާސް)