ދިވެހި މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތައް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަ ކުރި މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މުއާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސައްކަތްތެރިނަށް ގެއްލިފައިވާ ހައްގުތައް "އިޔާދަކޮށްދިނުމަށް" ސަރުކާރުގެ އިދާރާތަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސިވިލް ސާވަންޓުންނާއި އެހެނިހެން އޮފީސްތަކުގެ މަސައްކަތްތެރިންގެ މާހައުލު، ތަފާތު ކުރުމެއް ނެތި އެންމެންނާ ގުޅޭ މާހައުލަކަށް ހެދުމާއި މާލީ ގޮތުން ލިބޭ އާންމުދަނީ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ ސަރުކާރުގައި ދިވެހި މަސައްކަތްތެރިން ސިޔާސީ ތަފާތު ފިއްތުން ތަކުގެ ތެރެއިން މަގުމަތިވާންޖެހުނު.
މި ސަރުކާރަކީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ކޮންމެ ރައްޔިތަކު ވެސް ކޮންމެ މަސައްކަތްތެރިޔަކު ވެސް ފުދިގެން އުޅޭ ރައްޔިތަކަށް ހެދުމަށް މަސައްކަތް ކުރާނެ ސަރުކާރެއް،" ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ދިވެހި މަސައްކަތް ތެރިންނަށް ފުރިހަމަ ހައްގު މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށް ތަކުރާރު ކުރައްވަމުން މުއާޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެއްވެސް މަސައްކަތްތެރިއަކު ބާކީ ނުކުރާނެ ކަމަށާއި އަދި ތަފާތު ވެސް ނުކުރާނެ ކަމަށެވެ.
ެ
މުއާޒު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް އެ މީހަކު ކުރާ މަސައްކަތާ އެއްވަރު އުޖޫރައެއް ލިބެންޖެހޭނެ ކަަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގު ހަމަހަމަ ކުރުމަށް ރައީސް ޔާމިން ވެފައިވާ ވައުުދު މި ސަރުކާރުން ފުއްދާނެ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ މާލޭގައި ހިނގާލުމެއް ބާއްވާފަ އެވެ. އެ ހިންގާލުން ނިންމާލުމަށްފަހު އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން ގެންދަނީ ބޭކާރު މަސައްކަތް ތަކުގައި ވަގުތު ނަގާލައި ވައުދުތައް ނުފުއްދައި ވަގުތު ބޭކާރުކުރަމުން ކަމަށެވެ.