ނައިޖީރިއާގެ ވެރިރަށް އަބޫޖާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 19 މީހުން މަރުވެ 60 އަށް ވުރެ ގިނަމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ނައިޖީރިއާގެ އޮފޝަލުންނާ ހަވާލާދީ ބީބީސީން ބުނެފައިވަނީ، ބޮމުގެ ހަމަލާ ދީފައިވަނީ، އަބޫޖާގެ ޓައުންއެއް ކަމަށްވާ ނަޔަންޔާގެ ކާރު ޕާކުކުރާ ސަރަހައްދެގެ ކައިރީގައި ކަމަށެވެ. އެސަރަހައްދުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހުވެސް ވަނީ، ބޮމުގެ ހަމަލާއެއްގައި 70 މީހުން މަރުވެފަ އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީ ބުނީ، އެ ހަމަލާ އަމާޒުކޮށްފައިވަނީ، އެސަރަހައްދުގެ ބަސް ސްޓޭޝަނެއްގެ ކައިރީގައި ހުރި ޕޮލިސް ޗެކް ޕޮއިންޓަކަށް ކަމަށެވެ.

"އެސަރަހައްދަށް އެއްވެ ތިބި މީހުން ގޮވަމުންދިޔަ، އެތަނުގައި މީހަކު ކާރު ޕާކުކޮށްފައި އެހިސާބުން ދުރަށް ދިޔަކަމަށް، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ފެނުނީ ކާރު ގޮވިތަން،" ބޮމުގެ ހާދިސާ ހިނގި ސަރަހައްދާ 200 ވަރަކަށް މީޓަރު ދުރުގައި ހުރި ޗާލްސް އޮސޫކޭ ބުންޏެވެ. "މިސަރަހައްދުގައި ފުލުހުން އެވަގުތުވެސް ހަރަކާތްތެރިވަމުން ދިޔަ. އެކަމަކު އެމީހުންނަށް އެކަން ކުރި މީހާ ހުއްޓުވަން އެއްވެސް ކަމައް ނުކުރެވުނު."

އަބޫޖާގައި ބުރާސްފަތި ދުވަހު ދިން މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން އުފުލައިފަ އެއް ނުވެއެވެ. ހަމަލާގެ ފަހަތުގައި ވާކަމަށް ތުހުމަތު ކުރެވޭ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ އިސްލާމީ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން ބުނެފައިވަނީ އިއްޔެގެ އެ ހަމަލާގެ ފަހަތުގައި ވަނީ، މިދިޔަ މަހުވެސް ހަމަލާދިން މީހުން ކަމަށެވެ.

ނައިޖީރިއާގެ އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީގެ ވެރިޔާ އައްބާސް އިދްރީސް ވެސް ވަނީ، ބުރާސްފަތި ދުވަހުގެ ހާދިސާގައި 19 މީހުން މަރުވެ 60 އަށްވުރެ ގިނަމީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ބޯކޯ ހަރާމް ޖަމާއަތަކީ ނައިޖީރިއާގައި ހުޅަނގުގެ ތައުލީމު ދިނުމާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތެކެވެ. އެޖަމާއަތުން މިއަހަރު ތެރޭގައި ނައިޖީރިއާގެ ތިން ސްޓޭޓެއްގައި ދީފައިވާ ތަފާތު ހަމަލާތަކުގައި 1500 އަށްވުރެ ގިނަ އާންމުން މަރުވެފައިވެ އެވެ.

އަބޫޖާގައި މިފަދަ ހަމަލާއެއް ނުދޭތާ ދެ އަހަރެއްހާ ދުވަސް ވެފައިވަނިކޮށް އޭޕްރިލް މަހުގެ ތެރޭގައި ދިން ހަމަލާއަކީ އެސަރަހައްދަށް މިފަހަކަށް އައިސް ދިން އެފަދަ ފުރަތަމަ ހަމަލާ އެވެ.