02 May 2014, 10:14
އަރަބިއްޔާ ސްކައުޓް ގްރޫޕަށް އަލަށް ގުޅުނު ކަބް ސްކައުޓުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އަރަބިއްޔާ ސްކައުޓް ގްރޫޕުން ބުނީ، އަރަބިއްޔާ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދެ ޕެކަކުން 52 ކަބް ސްކައުޓުން އަލަށް އެ ގްރޫޕާ ގުޅިފައިވާއިރު، އެކުދިންގެ ތެރެއިން އެކި މަގާމުތަކަށް ހޮވުނު ކުދިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އަރަބިއްޔާ ސްކައުޓް ގްރޫޕަށް އަލަށް ގުޅުނު ކަބް ސްކައުޓުންނަށް ރަސްމިއްޔާތުގައި ހުވާލައިދިނީ ކަބް ސްކައުޓް ލީޑަރު އައިމިނަތު ވަޖުދީ އެވެ. އަދި އެ ކުދިންނަށް ގްރޫޕްގެ ސްކާފް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޓްރެއިނިން ކޮމިޝަނާ އަހްމަދު އިމާދު މުހައްމަދު އެވެ.
އަރަބިއްޔާ ސްކޫލަކީ ސްކައުޓިންގެ ހުރިހާ އުމުރުފުރައެއްވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ އެއް ސްކޫލެވެ. އެގޮތުން އެ ސްކޫލުގެ ސްކައުޓް ގްރޫޕަށް މިއަހަރު 26 އަހަރު ފުރޭއިރު، މިއަދު އަލަށް ގުޅުނު ކަބް ސްކައުޓުންނާއި އެކު ޖުމްލަ 190 ކަބް ސްކައުޓުންނާއި، 71 ސްކައުޓުންގެ އިތުރުން 61 ރޯވާ ސްކައުޓެއް އެ ގްރޫޕުގައި ހަރަކާތްތެރިވެ އެވެ.