02 May 2014, 10:11
ދޮންކޭލަކީ ހަށިގަނޑަށް ފައިދާ ހުރި މީރު މޭވާއެއްކަން އެންމެންވެސް ދަނެއެވެ. ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވެސް ބައެއް މީހުން ދޮންކޭލުގެ ބޭނުން ހިފައެވެ. ނަސްލީ ތަފާތުކުރުމަކީ އާންމު ކަމަކަށް ވެފައިވާ އިރު، އެކަން ހުއްޓުވުމަށްޓަކައި ފެށި "ދޮންކެޔޮ ކެމްޕެއިން" ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އެބަ ދެއެވެ.
ބާސެލޯނާގެ ބްރެޒިލްއަށް ނިސްބަތްވާ ދެ ފުޓްބޯޅަ ތަރިން ކަމަށްވާ ނޭމާ އާއި ޑެނީ އަލްވޭސްގެ ހިޔާލު ވަރަށް ފުރިހަމަ އެވެ. ނޭމާގެ ހިޔާލަކާއެކު ކެމްޕޭނުގެ މާކެޓިންގައި އިސް ދައުރެއް އަދާކުރަނީ އަލްވޭސް އެވެ. މި ދެ ކުޅުންތެރިން އެކަމަށް އިސްނެގީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ނަސްލީ ތަފާތު ކުރުމަށްޓަކައި އެންމެ ގިނައިން ދޮންކެޔޮ އުކާތަން ފެންނަމުން މިދަނީ ފުޓްބޯޅަ ދަނޑުތަކުންނެވެ.
ފުޓްބޯޅަ ގިނަ ތަރިންތަކާއި ސިޔާސީ ފަރާތްތަކުގެ އިތުރު އާންމުންގެ ގިނަ ބަޔަކު ވެސް ދޮންކެޔޮ ކެމްޕޭނުގައި ނޭމާ އާއި އަލްވޭސްއާ އެކު ބައިވެރިވަމުން ދެއެވެ. މި ކެމްޕެއިން ހިނގާ ގޮތަކީ ދޮންކެޔޮ ކަމުން އަމިއްލައަށް ނަގާ ފޮޓޯ "ސެލްފީ" ތައް ޝޯސަލް މީޑިއާތަކުގައި އާންމުކުރެ އެވެ.
މިހާރު ގިނަ ބައެއްގެ ތާއީދު ލިބިފައިވާ މި ކެމްޕެއިން، ހަގީގަތުގައި ފެށުނީ ސްޕެނިޝް ލަލީގާގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ވިޔަރެއާލް އަތުން 3-2 ލަނޑުން ބާސާ މޮޅުވި މެޗުގައި ވިޔަރެއާލްގެ ސަޕޯޓަރަކު ބާސާގެ އަލްވޭސްއާ ދިމާލަށް އެއްލި ދޮންކެޔޮ ވަކުގެ ސަބަބުންނެވެ. އަލްވޭސް އަށް ދޮންކެޔޮ ވައް ލިބުމުން ދޮންކެޔޮގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށްޓަކައި އެ ދޮންކެޔޮ ވައް ނަގައި ކައިލީ އެވެ.
ނަސްލީ ތަފާތު ކުރުމަށްޓަކައި ދޮންކެޔޮ އުކާ މީހުން ގިނަކަން ފާހަގަކޮށްލެވޭ އިރު، ކުރިން މިކަމަށް އެންމެ އެދެވޭ އަދަބެއް ވެސް ދެވިފައެއް ނުވެ އެވެ. ނަމަވެސް މި ކެމްޕެއިނުގެ ސަބަބުން އަލްވޭސްއާ ދިމާލަށް ދޮންކެޔޮ ވައް އެއްލި މީހާ މިހާރު ވަނީ ޖަލަށް ލައިފަ އެވެ. މިކަމުގެ ސަބަބުން މިހާރު ނަސްލީ ތަފާތު ކުރާ ފަރާތްތަކަށް އެއްޗެއް ވިސްނެން ޖެހޭނެ އެވެ. ބިރުވެސް ގަންނަން ޖެހޭނެ އެވެ. އަގުހެޔޮކޮށް ގަންނަ ދޮންކެޔޮ ވަކެއް އެއްލައިގެން ޖަލަށް ދާން ބޭނުންވާނީ ކާކު ހެއްޔެވެ.