ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގައި މިއަދު ކުޅުނު ފުރަތަމަ މެޗް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޓީމުން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ސަން އަލިލެންޑް ރިސޯޓުގައި މިއަދު ހަވީރު ކުޅުނު މެޗް، އެރިސޯޓުން ކާމިޔާބު ކުރީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާއާ ވާދަކޮށް ތިން ސެޓް އެއް ސެޓުން ނެވެ.

މެޗުގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާގޮތައް ބަލާއިރު، ފުރަތަމަ ސެޓް 25 ޕޮއިންޓް 17 ޕޮއިންޓުން ކާމިޔާޞު ކުރީ ސަން އައިލެންޑުގެ ޓީމުންނެވެ. ދެ ވަނަ ސެޓް 20 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބު ކުރީ ލިލީ ބީޗް ރިސޯޓެވެ. އަދި މެޗުގެ ބާކީ ދެސެޓް ސަންއައިލެންޑް ރިސޯޓުން ކާމިޔާބު ކޮށްފައި ވަނީ 25-18 އަދި 26-24 އިންނެވެ.

މިއަދު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސަން އައިލެންޑު ރިސޯޓުގެ ހަސަން އާމިރެވެ.

މިއަހަރުގެ އިންޓަ ރިސޯޓް ވޮލީމުބާރާތުގައި ޒޯން ހަތަރެއްގައި ތިން ޓީމެއް ބައިވެރިވެފައިވާ އިރު، ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅޭނެ އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް ޓީމު ފައިނަލަށް ދަތުރުކުރާ އިރު، ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެވަނަ އަދި ތިންވަނަ ޓީމެވެ. ޒޯން ހަތަރެއްގެ މުބާރާތުގެ ފައިނަލު ކުޅޭނީ މެއި މަހު ހަވަނަ ދުވަހު އެވެ. މި ޒޯންގައި ބައިވެރިވެފައިވާ ތިންވަނަ ޓީމަކީ ލަކްސް މޯލްޑިވްސް އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވީ، ޒޯން އެކެއްގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ދެން އޮތް ދެ ޒޯނުގެ ކުޅުން ފެށޭނެ ތާރީހެއް އެސޯސިއޭޝަނުން ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި ސެމީގެ މެޗުތަކާއި ފައިނަލް މެޗުތައް ކުޅޭނެ ތަންތަން ވެސް އެސޯސިއޭޝަނުން ފަހުން އިއުލާންކުރާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.

ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.