ސަރުކާރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންތައް ފުރިހަމަވަމުން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ "ވެށި ފަހި" ޖަހަގަ ހުޅުއްވުމަށް ފަހު، ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންތައްތަކާއި މާލޭގެ ކަންތައްތައް ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދާތީވެ މާލޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.


"މާލޭ ރައްޔިތުންގެ ކިބައިން އަޅުގަނޑު ނުހަނު މައާފަށް އެދެން. އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާލޭގެ ކަންތައް ވެސް އަދި ރާއްޖޭގޭ ކަންތައް ވެސް ފުރިހަމަވަމަކުންނެއް ނުދޭ." ރައީސް ވިދާޅުވި އެވެ.


ސަރުކާރުން ބޭނުންވާ ކަންތައްތައް ނުކުރެވެނީ ރައްޔިތުންގެ މަޖިލީހާ ގުޅިގެންނޭ ބައެއް ބޭފުޅުން ހިތަށް އަރައިވަޑައިގެންނެވި ނަމަވެސް ރައްޔިތުންގެ މަޖިލީސް އާއި އެހެންތަނެއް ލާއިގެން ނަމަވެސް ސަރުކާރުން ބޭނުންވާ ކަންތައް ކުރެވެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ ރުހުމާ އެކު ސަރުކާރުން ބޭނުންވާ ގޮތަށް މާލެ ތަރައްގީ ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި "ވަރަށް ބައިވަރު" ވޯޓް އެމްޑީޕީއަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


އަރަބިއްޔާ މައްސަލަ އަކީ ދީނީ މައްސަލައެއް ނޫން ކަމަށާއި އެއީ މާލޭގެ ބިމާ ގުޅޭ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.


"އަރަބިއްޔާގެ މައްސަލައަކީ ދީނީ މައްސަލައެއް ނޫން. އެއީ މާލޭގައި ބިން ބޭނުން ކުރުމާ ގުޅޭ މައްސަލައެއް. އެ މައްސަލަ ނިންމަނީ ޓެކްނިކަލީ. އެއީ ގަޑެއްގައި ކުރަހާފައި ބޮޅެއް އަޅާފައި ކުލަޖައްސާފައި ކުރާ ކަމެއް. އެމީހުން ބުނާ ތަނެއްގައި އަޅުގަނޑުމެން ފުލެއްޓްއަޅާނީ ވެސް. އެމީހުން ބުނާ ތަންތަނުގައި މަދަރުސާ ވެސް އަޅާނީ."


ރައީސް ނަޝީދު ވިދާޅުވީ މަދަރުސާ އަޅަނީ މުޒާހަރާ ކުރާ މީހުން ބުނާ ތަނަކުނޫން ކަމަށާއި އަދި ފްލެޓް އަޅާނީ ވެސް މުޒާހަރާ ކުރާ މީހުން ބުނާ ތަނަކުނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ތިރީސް އަހަރު މާލޭ "ފޮތިފޮތި"ކޮށްފައި އޮތް ތަން މީހާރު ފެންނަމުންދާ ކަމަށާއި ވުމާ އެކު އެއްވެސް ބަޔަކު މިއަދު ނުކުމެ މާލޭގެ ބިމާ ބެހޭ ވާހަކަ ނުދެއްކުމަށާއި މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ ކުރީގެ އީޕީއެސް ސްކޫލް ހުރި ބިން މިހާރު އަރަބިއްޔާ އަށް ދީފައިވާ ކަން ލިޔުމަކުން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.


ރޭ ސަރަނގުގެ ވެށި ފަހި ޖަގަހަ ރައީސް ހުޅުވައިދެއްވުމާ އެކު ޕަރުވާނާތަކެއް އައިސް ލައިޓްތަކުގައި ޖެއްސުމުން މުޅި ތަނުން ކަރަންޓް ކަނޑާލައި ގަޑިއެއްހާއިރަށް ޖަލްސާ ނުފެށި ފަސްކުރަން ޖެހުނެވެ.