ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުވާދު ގާސިމް ދެއްކެވި ވާހަކަތައް އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ސިޔާސީ ޕާޓީއަކުން ގާސިމާ ބައްދަލުކުރަން އެދުނަސް އެ ޕާޓީއެއްގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރައްވަން ގާސިމް އިސްކަންދެއްވާ ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް ބައްދަލުކުރެއްވުމުން ޖޭޕީގެ ކުރީގެ ކައުންސިލް މެމްބަރު ފުވާދު ގާސިމް ވަނީ އެކަމާ ނުރުހުންފާޅުކޮށް ވާހަކަ ދައްކަވައިފަ އެވެ.

ފުވާދުގެ ވާހަކަތަކަށް ރައްދު ދެމުން ޖޭޕީގެ ބަޔާނުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ބޭފުޅަކާ ބައްދަލުކުރެއްވުމަކީ އެ ޕާޓީއާއި އަދި ޕާޓީގެ ލީޑާޝިޕުން ގަބޫލުކުރާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދީނީ އަދި ގައުމީ ވިސްނުމަށް އުނިކަމެއް ނާންނާނެ ކަމަށެވެ.