01 May 2014, 21:05
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރު ކަމުގެ މަގާމަށް ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އައްބްދުލް ގައްޔޫމް އައްޔަން ކުރައްވައިފި އެވެ.
މުއާ މިރޭ "ސަން"އަށް ބުނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ސިޔާސީ މަގާމަކާ އަލަށް ހަވާލުވި މުއާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން ފައްޓާނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ ގޮތުގައި ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު. ވަޒީފާއަށް ނިކުންނާނީ އަންނަ އާދިއްތަ ދުވަހު. ވާޒީފާއަށް ނިކުތުމަށްފަހު އަޅުގަނޑު ބަލަހައްޓާނީ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެކްޓިން ދާއިރާގެ ކަންކަން،" މުއާ މިރޭ ސަންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް މުއާ އައްޔަން ކުރުމުން އެ މިނިސްޓްރީގައި މިހާރު ފަސް ކޯޑިނޭޓަރުން ތިއްބަވާނެ އެވެ. އެ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކާއި ތިން ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެ އެވެ. އަދި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއެކު އެ މިނިސްޓްރީގައި ޖުމްލަ 10 ސިޔާސީ މަގާމު ފުރުއްވާ ބޭފުޅުން އެބަތިއްބެވެ.