01 May 2014, 20:17
މިއަހަރުގެ އޮގަސްޓް މަހު ޗައިނާގެ ނަންޖިންގައި ބާއްވާ ދެ ވަނަ ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ރައުންޑްގައި ރާއްޖޭގެ ދެ އެތުލީޓުން ވާދަކުރާ ގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ރައުންޑްގައި ރާއްޖެއިން ވާދަކުރާނެ ދެ އެތުލީޓުންނަކީ މިމަހުގެ 21 އަދި 22 ގައި ތައިލެންޑްގެ ބޭންކޮކްގައި ބާއްވާ އޭޝިއަން އޭރިއާ ކޮލިފިކޭޝަންގައި ވާދަކުރާ ހުސައިން ޝަހުދާން ފަހުމީ އާއި ހުސައިން ރިޒާ އެވެ. ޝަހުދާން ވާދަކުރާނީ ފިރިހެންކުދިން 200 މީޓާރު ދުވުމުގަ އެވެ. އަދި ރިޒާ ވާދަކުރާނީ ފިރިހެންކުދިންގެ 400 މީޓަރު ދުވުމުގަ އެވެ.
މުބާރާތުގައި ވާދަކުރާ ޝަހުދާން ވަނީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ޔޫތުގޭމްސް އާއި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. ހުސައިން ރިޒާ ވަނީ މިދިޔަ އަހަރު ބޭއްވުނު ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ދެ އެތުލީޓުންނާއެކު ކޯޗެއްގެ ގޮތުގައި ބެންކޮކަށް ދާނީ އެ އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަހުމަދު ފާއިލެވެ.
މުބާރާތުގައި ވާދަކުރާ ދެ އެތުލީޓުން މިހާރު އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީގައި އިންޑިއާގައި ތަމްރީންތައް ހަދަމުން ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.