01 May 2014, 19:58
ނުސީދާ ޓެކްސްތައް ނަގަމުން ގެންދާނަމަ ރަނގަޅު އިގްތިސޯދެއް ބިނާ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި "މޭޑޭ" ހިނގާލުން ނިންމާލުމަށްފަހު ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އާމްދަނީން ނެގޭ ޓެކްސް ނަގާ އިޖްތިމާއީ ފޭރާން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އާމްދަނީން ނެގޭ ޓެކްސް ނަގާ އިޖްތިމާއީ ފޭރާން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިމްޕޯޓް ޑިއުޓީއާ އެކީގައި ޖީއެސްޓީ ނަގަމުން ދާތަން. ނުސީދާ ޓެކްސްތަށް ނަގަމުން ދިޔާމައި ހެޔޮގޮތުގައި އިގްތިސޯދެއް ބިނައެއް ނުކުރެވޭނެ. އިގްތިސޯދު ބިނާ ނުކުރެވުނީމާ މަސައްކަތްތެރިންގެ ހައްގުތަށް ދަނީ ގެއްލެމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ މިއަދު ވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ. ސަބަބަކީ ރާއްޖޭގެ ދަރަނި ދުވަހަކަށްފަހު ދުވަހެއް ބޮޑުވަމުން ދާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިވަރަށް ދަރަނި ގޮސްފައިވާއިރު 2010 ވަނަ އަހަރު ސަރުކާރުން ކޮށްފައިވާ އެއާޕޯޓް ތަރައްގީ ކުރުމުގެ އެގްރީމެންޓް ވެސް މިހާރު އުވާލާފައި ވާ ކަމަށާއި އެކަންވެސް ކޮށްފައި ވަނީ އެގްރީމެންޓްގެ ހައްގުތަކާއި އާންމު އުސޫލުތަކާ ހިލާފަށްކަން ބައިނަލް އަގުވަމީ ފަރާތްތަކުން ވެސް ގޮވަމުން ގެންދާ ކަމަށެވެ.
ރާއްޖެ މިއަދު ދަނީ ބޮޑު ދަރަނިވެރިކަމެއްގެ ތެރެއަށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ދަރަނިވެރިކަމުން އަރައިގަންނަން އުނދަގޫވާއިރު މި ސަރުކާރުން އެކަންކަން ހައްލުކުރަން މަސައްކަތް ކުރާތަން ނުފެންނަކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ މި ސަރުކާރުން އެކަން ހައްލުކުރަން މަސައްކަތް ކުރާ ތަނެއް. މުޅިން ވެސް މި ފެންނަނީ މަހަކު ހަތަރު ފަހަރު ރައީސުލް ޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަންނަވާތަން،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބަޔަކު ގޮވައިގެން ސަރުކާރުން ސިންގަޕޫރަށް ދިއުމުން ހާމަވަނީ މި ސަރުކާރުން ވެފައިވަ ވައުދުތަށް ފުއްދުމަށް މަސައްކަތް ނުކުރާ ކަމަށާއި ސަރުކާރުން ގެންދަނީ ބޭކާރު މަސައްކަތް ތަކުގައި ވަގުތުގެ ބޭނުން ނުކޮށް ވަގުތު ބޭކާރުކުރަމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.