01 May 2014, 19:33
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރާއްޖޭގެ މީޑިއާތަކުން ފޮނުވި ކަވަރޭޖާ ބެހޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ރިޕޯޓް އިސްލާހު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ގޮވާލައިފި އެވެ.
އެކޯޕަރޭޝަނުން މިކަމަށް ގޮވައިލީ ކޮމިޝަނުގެ ރިޕޯޓަށް ރައްދުދިނުމަށް މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
"... ރައްޔިތުންގެ ފައިސާ އިން ހޭދަކޮށްގެން ރާއްޖޭގެ ބްރޯޑްކާސްޓިންގްގެ ޚިދުމަތް ހަމަހަމަކަމާ އެކު ދަމަހައްޓައި ކުރިއަރުވައި އަދި މީޑިއާގެ މިނިވަން ވެއްޓަކަށް މަސައްކަތްކުރަން ޖެހޭ އަދި ބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރުމަށް ގާނޫނީ ގޮތުން އުފެދިފައިވާ މުއައްސަސާއަކުން މިކުރެއްވި އަމަލާ މެދު ހިތާމަކުރަމެވެ. އަދި ތެދުވެރިކަމާ އެކު ވަކިފަރާތަކަށް ނުޖެހޭ ގޮތަށް ކުރެވިފައިވާ މަސައްކަތެއް ކުރި ފަރާތެއްގެ ހައްގަށް އުނިކަން އަންނަ ގޮތަށް ނެރުއްވާފައިވާ މިރިޕޯޓުގައި ހުރި މިބަޔާނުގައި ދެންނެވިފައިވާ، ރައްޔިތުންނަށް އޮޅުން އަރައިފާނެ ކަންކަން އިސްލާހުކުރެއްވުމަށް ގޮވާލަމެވެ، " އެމްބީސީގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ވެސް ހަބަރާއި ހަބަރާ ގުޅޭ ޕްރޮގްރާމްތަކުގައި ކޮންޓެންޓް ގެނެސްދީފައި ވާނީ ހަމަހަމަކޮށް ކަމަށެވެ. ނަމަވެސް އިންތިހާބުގެ ދުވަސްވަރު ގިނަ ހަރަކާތްތައް ހިންގެވި ބޭފުޅުންގެ ހަބަރުތައް އިތުރުވުމަކީ ދިމާވެދާނެ ކަމެއް ކަމަށެވެ.
"... ޚަބަރު ގެނެސްދިނުމުގައި އިންތިހާބުގެ ދުވަސްވަރު ގިނަ ހަރަކާތްތައް ހިންގެވި ބޭފުޅުންގެ ހަބަރުތައް އެހެން ކެންޑިޑޭޓުންނަށް ވުރެ ކުޑަ ނިސްބަތަކުން އިތުރުވުމަކީ ނޫސްވެރިކަމުގެ (ނިއުސް ވާދިނަސް) އުސޫލުން ދިމާވާނެ ކަމެކެވެ. އެހެން ނަމަވެސް އެކަން ކުރެވިފައި ވެސް ވާނީ ވަކި ފަރާތެއްގެ ހައްގަކަށް އުނިކަން އަންނާނެ ނުވަތަ ނާޖާއިޒު މަންފާއަކަށް ވެސް ފުރުސަތު ނުލިބޭނެ ގޮތަކަށެވެ،" ބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ ކޮމިޝަނުގެ ރިޕޯޓަކީ އެކަން ކަމަށް ރިއާޔަތްކޮށްފައިވާ ކަމަށް ބެލެވެން ނެތް ގޮތަކަށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައިވާ އުނި ކަންތައްތަކެއްގެ ގޮތުގައި އެމްބީސީ އަށް ފާހަގަކުރެވޭ ކަންތައްތަކެއް ވެސް ބަޔާނުގައި ހިމަނާފައިވެ އެވެ. އިންތިހާބު ދެބުރަކަށް ބޭއްވި އިރު، ކޮމިޝަނުން ބަލާފައި ވަނީ ވަކިބުރެއްގެ މުއްދަތުގައި ހަމަ އެކަނި ޕްރައިމް ޓައިމް އަށް ކަމަށް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ ކޮންޓެންޓް މޮނިޓާ ކުރި ޓީމްގެ މެމްބަރުންނަށް އެކަށީގެންވާ ތަމްރީނެއް ދީފައި ނުވާ ކަމަށް ވެސް އެމްބީސީގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި މޮނިޓާކުރަން ބޭނުން ކުރި ޓީމުގެ މެންބަރުންނަށް ދިނީ އެއް ދުވަހުގެ ތަމްރީން ކަމާއި އެ ތަމްރީން ދެވުނީ އެކްސްޕާޓެއްގެ އެހީގައި ނޫން ކަމުން، އެކަމަށް ބޭނުން ކުރި މީހުންނަކީ އެކަށީގެންވާ ތަމްރީނެއް ނުދީ ތިބި ބައެއްކަން، ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރިޕޯޓްގައި ބަޔާން ކުރެވިފައިވުން ހިމެނެ އެވެ،" އެމްބީސީގެ ބަޔާނުގައިބުންޏެވެ. އަދި "އިންތިހާބުގެ ކެމްޕޭންގެ މުއްދަތު އެތައް މަހަކަށް ދެމިގެން ގޮސްފައިވާ އިރު އަދި ދެ ބުރަކަށް ކެމްޕޭންކޮށް، ދެ ބުރެއްގައި ވޯޓު ނަގާފައިވާ އިރު، ހަމަ އެކަނި އިންތިހާބުގެ ވަކި ބުރެއްގެ މުއްދަތުގައި އަދި ހަމައެކަނި ޕްރައިމް ޓައިމްގެ ކޮންޓެންޓަށް ބައްލަވައިގެން" ނެރެގައިވާ ރިޕޯޓެއް ކަމަށް ވެސް އެމްބީސީ އިން ބުންޏެވެ.
އެމްބީސީ އިން ނޫސްބަޔާން ނެރެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ދުވަސްވަރު ރާއްޖޭގެ ޓީވީ ޗެނަލްތަކުން ކަވަރޭޖް ގެނެސްދިން ގޮތް ބެލުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓް އިއްޔެ އާއްމުކުރުމާ ގުޅިގެންނެވެ.
އެ ރިޕޯޓްގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ކުރަމުން ދިޔަ އިރު ޓީވީއެމް އިން ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ދިން އޮންއެއާ ވަގުތުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ވަގުތު މަދު ކަމަށް ކޮމިޝަނުން ބުންޏެވެ.