01 May 2014, 19:17
މި މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ އެންމެ ފަހު މުބާރާތައް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ތައިލެންޑަށް ކުރި ތަމްރީން ދަތުރުގައި މިއަދު އެ ގައުމުގެ ކަސްޓަމްސް ޔުނައިޓެޑް އެފްސީއާ ދެކޮޅަށް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މިއަދު ކުޅުނު ތައިލެންޑުގެ ކަސްޓަމްސް ޔުނައިޓެޑް އެފްސީއަކީ އެ ގައުމުގެ ތިން ވަނަ ޑިވިޝަން ކުޅޭ ޓީމެކެވެ. އަދި އެ ޓީމް އޮތީ ތައި ޑިވިޝަން ލީގުގައި ދެ ވަނަ މަގާމުގަ އެވެ.
މިއަދުގެ މެޗުގައި ތައިލެންޑުގެ ކަސްޓަމްސް ޔުނައިޓެޑް އެފްސީ ކޮޅަށް ރާއްޖެއިން ޖެހި ހަމައެކަނި ގޯލް މެޗުގެ 11 ވަނަ މިނިޓްގައި ޖަހައިދިނީ އަސަދުﷲ އަބްދުﷲ އެވެ. އަދި ތައިލެންޑުގެ ކަސްޓަމްސް ޔުނައިޓެޑް އެފްސީއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެވަނަ ހާފުގައެވެ.
ތައިލެންޑުގެ ކަސްޓަމްސް ޔުނައިޓެޑް އެފްސީ ދެކޮޅަށް ރާއްޖެއިން މިއަދު ނިކުތް ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް އާރިފް (ބަކާ) އާއި އެއްނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު އާއި ޑިފެންޑަރު ޝާފިއު އަހުމަދު އާއި އަކުރަމް އަބްދުލްގަނީ އަދި މުހައްމަދު އުމެއިރެއް ހިމަނައިފައެއް ނުވެ އެވެ.
އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި ގައުމީ ޓީމުގެ ތައިލެންޑް ދަތުރު ނިންމާލައި، އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. އަދި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.