މޫސުން ގޯސްވެ، ކަނޑުގަދަވެ، ވިއްސާރަ ކުރަމުންދާތީ މި ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ރޭގަނޑު ދަތުރު ކުރައްވާނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއި، މުދާ އުފުލާ އުޅަނދު ފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެމްޑީއެފުން ވަނީ އެދިފަ އެވެ.

ކަނޑު މައްޗަށް ނުކުތުމުގެ ކުރިން ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި މުޅި ރާއްޖެއަށް ވެސް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.