މި މަހުގެ 10 ވަނަ ދުވަހު ފާގަހަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް، އޭއެފްސީ ޗެލެންޖް ކަޕާ ގުޅުވައިގެން ފާހަގަކުރަން ޔޫތު މިިނިސްޓްރީން އެކުލަވާލާފައިވާ ޗެލެންޖް ކަޕް ކޮމެޓީން ނިންމައިފި އެވެ.

މިފަހަރުގެ މުބާރާތުގެ ޕީއާރް އެންޑް މީޑިއާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވީ، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޗެލްންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ އައްޑޫ ޒޯން ސްޓޭޑިއަމާއި ގަލޮޅު ދަނޑުގައި ކުޑަކުދިންނާއެކު ހާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހަރަކާތަކީ މުބާރާތުގެ ފޯރި ގަދަކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށާއި އެ ދުވަހު އައްޑޫ ސިޓީގައި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންނާ އެކު ހާއްސަ ހަރަކާތެއް އޮންނާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

"މާލޭގައި އޮންނަ ހަރަކާތް ތަކުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބައިވެރިވާނެ. އައްޑޫ ގައި އޮންނަ ހަރަކާތްތަކުގައި ބައިވެރި ވާނީ ގައުމީ ޓީމަށް ކުރިން ކުޅެފައި ތިބި އައްޑޫއަށް ނިސްބަތްވާ ކުޅުންތެރިން،" އާދަމް ވިދާޅުވި އެވެ.

މިފަހަރުގެ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ ގަލޮޅު ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީކޮށް ނިމުމުން، އެ ދެ ދަނޑު ހުޅުވުމުގެ ގޮތުން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ވެސް ޔޫތު މިނިސްޓރީން މިހާއަރު އަންނަނީ ތައްޔާރު ވަމުންނެވެ.

މިމަހުގެ 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. މިގްރޫޕްގައި ރާއްޖެއާއެކު ދެން ވާދަކުރާ އަނެއް ތިން ގައުމަކީ މިޔަންމާ، ކިރުގިސްތާން އަދި ފަލަސްތީނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.