މިމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން މުބާރާތުގެ ޓްރޮފީ އައްޑޫ ސިޓީ އަށް ގެންދިއުމަށް ނިންމައިފި އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޔޫތު އެންޑް ސްޕޯޓްސް އިން އެކުލަވާލި ޙާއްސަ ކޮމިޓީން މިއަދު މެންދުރު ފަހު އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޓޯލްސް ފުޓްބޯލް އަހްމަދު މުޖްތަބާ (ފެސްކޯ) ވިދާޅުވީ، ގްރޫޕް ބީގެ މެޗްތައް އައްޑޫ ސިޓީގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ފޯރި އައްޑޫ ސިޓީގައި ވެސް ގަދަ ކުރުމުގެ ގޮތުން މުބާރާތުގެ ޓްރޮފީ އެ ސިޓީ އަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އައްޑޫގެ ރައްޔިތުންނަށް މުބާރާތުގެ ތަށި ހަމަލޮލުން ބަލައިލާ އެ ތައްޓާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ލިބެން ޖެހޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ފެސްކޯ ވިދާޅުވި އެވެ.

"މުބާރާތުގެ ޓްރޮފީ ބަލައިލުމަށް އައްޑޫ ރައްޔިތުންނަށް ފުރުޞަތު ލިބެން ޖެހޭ. މިކަން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު. އަދި ތަށި ހިފައިގެން އައްޑޫގެ ލިންކު ރޯޑްގައި ސައިކަލް ބުރެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ. ހޮނިހިރު ދުވަހު އައްޑޫގައި އޮންނަ ރަސްމިއްޔާތުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާއި ޔޫތު މިނިސްޓުރީގެ އިސްވެރިން ބައިވެރިވާނެ." ފެސްކޯ ވިދާޅުވި އެވެ.

މީގެ އިތުރުން މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާދަމާ ހަވީރު ޖެޓްސްކީ ބުރެއް މާލެ ވަށާ ޖެހުމަށް ނިންމާފައިވާ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެގޮތުން މާދަމާ ހަވީރު ޖެޓްްސްކީ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ރައީސް އޮފީސް ދޮރުމަތިންނެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޑްވެންޗާސް އެސޯސިއޭޝަނާ ގުޅިގެން ކަމަށް ކޮމެޓީން މިއަދު ވިދާޅުވި އެވެ. އަދި މިޖެޓްސްކީ ބުރުގައި އާމުންނަށް ބައިވެރި ވުމުގެ ފުރުޞަތު އޮތް ކަމަށް ވެސް ކޮމެޓީން ވިދާޅުވި އެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޔޫތް މިސްޓްރީން އެކުލަވާލި ކޮމިޓީގައި ހިމެނެނީ 14 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި އެފްއޭއެމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް، އައިޖީއެމްއެޗް، ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި އަދި އެމްޓީސީސީގެ އިސް ބޭފުޅުންނެވެ.

މިފަހަރުގެ ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލްގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.