01 May 2014, 15:43
އެމްޑީޕީން ބޭއްވި އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުތަކުގެ ތެރެއިން އަށް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ރޭ އިޢުލާންކޮށްފައިވާ އަށް ދާއިރާއަކީ މަނަދޫ ދާއިރާ އާއި ހޮޅުދޫ ދާއިރާ އާއި ނައިފަރު ދާއިރާ އާއި ކެންދޫ ދާއިރާ އާއި ތިމަރަފުށި ކިނބިދޫ އަދި ގުރައިދޫ އަދި ގައްދޫ ދާއިރާގެ ވަގުތީ ނަތީޖާ އެވެ.
އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް ކަމުގެ މަގާމު 110 ވޯޓާ އެކު އަބްދުލްހަމީދު އަބްދުއްރަހުމާނު ކާމިޔާބުކުރައްވާފައިވާ އިރު އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި މުހައްމަދު މާހިދަށް ލިބިފައި ވަނީ ހަތް ވޯޓެެވެ.
ހޮޅުދޫ ދާއިރާގެ ރައީސް ކަމުގެ މަގާމު 164 ވޯޓުން މުހައްމަދު ޖަލީލު ކާމިޔާބުކުރެއްވި އިރު ނައިބް ރައީސް ކަމުގެ މަގާމު 155 ވޯޓުން ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ތަޣީ އެވެ. އެ ދާއިރާގެ ސެކްރެޓަރީގެ މަގާމު ކާމިޔާބުކޮށްފައިވަނީ އައިޝަތު ހިދާޔާ އެވެ. ސެކެޓްރީގެ ނައިބްގެ މަގާމު ކާމިޔާބުކޮށްފައި ވަނީ އަހުމަދު އިރުޝާދު އެވެ. އަދި މައުލޫމާތާއި އިސްތިހާރާއި ބެހޭ ސެކެޓްރީގެ މަގާމު ކާމިޔާބުކުރީ ހަސަން ފާރިގު އެވެ.
ނައިފަރު ދާއިރާގެ ރައީސްގެ މަގާމު 186 ވޯޓުން މުހައްމަދު ކާރިމް ކާމިޔާބުކޮށްފައިވާ އިރު އޭނާއާ އެންމެ ކައިރިން އެމަގާމަށް ވާދަކުރެއްވި އަބްދުލްގަނީ އަބްުދުލްގަފޫރަށް ލިބުނީ ހަ ވޯޓެވެ. އަދި އެ ދާއިރާގެ ނައިބް ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ އަހުމަދު އިބްރާހިމެވެ. އަދި ކެންދޫ ދާއިރާގެ ރައީސް ކަމުގެ މަގާމު ކާމިޔާބުކޮށްފައި ވަނީ 274 ވޯޓާ އެކު މުހައްމަދު ޝިރާޒު އެވެ.
ތިމަރަފުށީ ދާއިރާގެ ރައީސް ކަމުގެ މަގާމު 368 ވޯޓުން އަންވަރު އިބްރާހިމް ކާމިޔާބު ކުރެއްވިއިރު އޭނާއާ އެންމެ ކައިރިން އެމަގާމަށް ވާދަކުރެއްވި އިސްމާއިލް ހަސަން އަށް ލިބިވަޑައިގަތީ 27 ވޯޓެވެ. އަދި ކިނބިދޫ ދާއިރާގެ ރައީސް ކަމުގެ މަގާމު 411 ވޯޓުން ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒު އެވެ. ގުރައިދޫ ދާއިރާގެ ރައީސް ކަމުގެ މަގާމް 73 ވޯޓުން ކާމިޔާބު ކުރެއްވީ މުހައްމަދު އަފްޒަލް މޫސާ އެވެ. އަދި ގައްދޫ ދާއިރާގެ ނައިބް ރައީސް ކަމުގެ މަގާމު 266 ވޯޓާ އެކު ކާމިޔާބު ކުރެއްވީ މުހައްމަދު ހަބީބު އެވެ. އަދި އެ ދާއިރާގެ 279 ވޯޓާ އެކު ސެކެޓްރީގެ މަގާމު ކާމިޔާބުކުރެއްވީ ރައްޔާން ޖަމާލު އެވެ.
މިހާތަނަށް 27 ދާއިރާއެއްގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށް ނިމިފައިވާ އިރު އަންނަ މަހުގެ 9 ވަނަ ދުވަހު އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް އާއި އަންހެންގެ ރޫޙްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބް އޮންނާނެ އެވެ.