ހިތްދަތިކަމާއި ހިތްނުތަނަވަސްކަމާއި މާޔޫސްކަން ކުރިމަތިވާ ވަގުތުތަކުގައި އިންސާނުންނަށް ހިތްހަމަޖެހުމާއި ހަށިފަސޭހަކަން ގެނަަސްދީ މާޔޫސްކަން ފިލުވާލުމުގެ ޤާބިލްކަން ލިބިފައިވާ އާބޭހެއް އޮސްޓްރޭލިޔާގެ ޑޮކްޓަރުންގެ ޓީމަކުން އީޖާދުކޮށްފި އެވެ. ކެމިކަލްގެ ބަދަލުގައި ފަތްޕިލާވެއްޔާއި މޭވާގެ ބާވަތްތައް ބޭނުންކޮށް އުފައްދާފައިވާ މިބޭސް މިހާރުވަނީ ޖަނަވާރުންނަށް ތަޖްރިބާކޮށްފަ އެވެ. އޮސްޓްރޭލިޔާގެ ޑޮކްޓަރުންގެ ޓީމުން ބުނާގޮތުގައި އިންސާނުންނަށްވެސް މިބޭސް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް މިބޭސް އިންސާނުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ބައެއް ތަޖްރިބާތައް އަދި ކުރަންޖެހެ އެވެ.


 މި ބޭސް އަމާޒުކޮށްފައިވަނީ އިންސާނުންގެ ސިކުނޑިން އުފައްދާ ޚާއްސަ ހޯމޯން އަކަށެވެ. މިއީ ހިތްދަތިވުމާއި މާޔޫސްކަމާއި މިޒާޖުގެ ނުތަނަވަސްކަމާގުޅިފައިވާ ހޯމޯންއެ ކެވެ. މި ބޭސް ތައްޔާރުކުރުމުގެ ރީސާޗްގައި މަސައްކަތް ކުރެއްވި ސިޑްނީ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މައިކަލް ކެސިޔޫ ވިދާޅުވިގޮތުގައި އިންސާނުންނަށް ހިތްދަތިކަމާއި މާޔޫސްކަން ކުރިމަތިވާހިނދު އެކަން ޙައްލުކުރުމަކީ ވަރަށް އުނދަނގޫ މައްސަލައެކެވެ. އެހެންކަމުން މިބޭހަކީ މިކަމާބެހޭ ޢިލްމީ ވަރަށް ފުންދިރާސާތަކަކުން ނެރެވުނު ކާމިޔާބީއެ ކެވެ. މިބޭސް މީދަލަށް ތަޖްރިބާކުރުމުން ް އެދެވޭ ނަތީޖާތަކެއް ފެނިފައިވާތީ މިއީ މިބޭސް އިންސާނުންނަށްވެސް ކަމުދާނެ ކަމުގެ ޢިލްމީ ހެއްކެތް ކަމަށް މިބޭސްއުފެއްދި ޓީމުން ބުނެއެވެ. މާޔޫސްކަމާއި ހިތްނުތަނަވަސްކަން ފިލުވުމަށް ބޭނުންކުރާ ބައެއް ބޭސްތައް މިހާރުވެސް ބާޒާރުގައި ގެންގުޅެ އެވެ. ނަމަވެސް މިބޭސްތަކާ އަޅާބަލާއިރު އަލަށް އުފެއްދި ބޭސް އުޑާ ބިމާހާ ތަފާތުވާނެ ކަމަށް އޮސްޓްރޭލިޔާގެ ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.