ބ. އޭދަފުށީ ބިމަށް 25 ހެކްޓަރު ހިއްކައި ބޮޑު ކުރުމުގެ މަސައްކަތް، ކަނޑައެޅި ތާރީހަށް ނިންމާލައިފި އެވެ.

އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ހޮލެންޑްގެ ބޮސްކާލިސް އިންޓަނޭޝަނަލް ކުންފުންޏާ އެކު މި އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ސޮއިކޮށް، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެ ރަށުގެ ބިން ހިއްކައި އިއްޔެ ނިންމާލާފައިވާ އިރު، އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާތާ 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް ޓަކައި އެ ރަށުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު މިއަދު ސަން އަށް ވިދާޅުވީ އޭދަފުށީ ބިންހިކުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ އިރު، މިހާރު ކުރިއަށް ދަނީ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރާނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ހިލަޖެހުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށޭވަރު ވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ތެރޭ ފެށޭވަރު ވާނެ ކަމަށެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށް ހިއްކުމުގެ ކުރިން ބިމުގެ ސައިޒަކީ 32 ހެކްޓަރެވެ. ނަމަވެސް އެ ރަށަށް އިއްޔެ އިތުރު ކުރި 25.9 ހެކްޓަރުގެ ބިމާ އެކު އެ ރަށުގެ ބިމުގެ ބޮޑު މިން މިހާރު ވަނީ ގާތްގަނޑަކަށް 58 ހެކްޓަރަށް ބޮޑުވެފަ އެވެ.

މީގެ އިތުރުން ބ. އަތޮޅު ތެރޭގައި، ކުދި އާބާދީ ހުރި ރަށްތަކުގެ މީހުން އެ ރަށަށް ބަދަލުކުރުމަށް ސަރުކާރުގެ ގެންގުޅުއްވާ ސިޔާސަތުގެ ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި އެވެ.

ސަރުކާރުން ބުނީ، ސަރުކާރު ބަޖެޓުން ހަރަދުކޮށްގެ ހިންގާ ހަތަރު ރަށަކަށް ބިން އިތުރު ކުރުމުގެ މަޝްރޫއު އަށް 570 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އެ މަޝްރޫއުގައި ހިމެނެނީ އޭދަފުށީގެ އިތުރަށް ދ. މީދޫ އާއި ކުޑަހުވަދޫ އަދި ތުލުސްދޫ އެވެ.

އެ މަޝްރޫއުގެ ދަށުން ދ. މީދު އަށް ބިން އިތުރު ކުރުމުގެ މަޝްރޫއު ވަނީ ކަނޑައެޅި ތާރީހުގައި ނިންމާލައިފަ އެވެ.