މާލޭ ކަސްޓޯޑިއަލް ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ސަން އެނގިފައިވާ ގޮތުން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޭނާ މިހާރު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ސަން ވަނީ އެނގިފަ އެވެ.

އެފަދަ ކަމެއް ހިނގާފައިވާކަން ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުން ކަސްޓޯޑިއަލް ޖަލަށް އާންމުކޮށްދަނީ ކުށްވެރިންގެ އަތުން ބަޔާން ނެގުމާއި ތަހްގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށެވެ.
މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 20 އަހަރުގެ ޒުވާނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު މި އަހަރުގެ ފެބްރުއަރީ މަހު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.