01 May 2014, 14:10
ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ގިނަ މުދާތަކެއް އެއްތަނަކުން ވިއްކުމަށް ބާއްވާ ވިޔަފާރީގެ ބޮޑު އީދު ކަމަށްވާ ނައިޓް މާކެޓް މިރޭ ހުޅުވަން ގޯމީޑިއާ އިން ނިންމައިފި އެވެ.
ގޯމީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު އާމިރު މިއަދު ވިދާޅުވީ މިރޭ 08:00 އިން ފެށިގެން މާކެޓް ކުރިޔަށް ދާއިރު، މިއަހަރުގެ ނައިޓް މާކެޓްގައި ޖުމްލަ 540 މޭޒު ބެހެއްޓިފައިވާނެ ކަމަށެވެ. އަދި މޭޒުތަކުގެ އަގު 4000 ރުފިޔާއަށް އުޅޭއިރު ބަހައްޓާފައި ހުރި ތިން ޓެންޓު ދޫކޮށްފައިވަނީ 6500 ރުފިޔާ އަށް ކަމަށެވެ.
"އުނގުޅޭ ބާޒާރު"ގެ ނަމުގައި މަޝްހޫރުވެފައިވާ ބޮޑު ބާޒާރުގައި މިއަހަރު ވެސް ތަފާތު ގިނަ ވައްތަރުގެ މުދާ ވިއްކުމަށް ގިނަ ވިޔަފާރިވެރިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ސާމާނުން ފެށިގެން ދިރޭ މަހާއި ކުޑަކުދިން ކުޅޭ އެއްޗެއްސާއި އަންނައުނާއި ފައިވާން ފަދަ ތަކެތި ވިއްކުމަށް ވިޔަފާރިވެރިން ދަނީ ތައްޔާރުވަމުންނެވެ.
އެހެން އަހަރުތަކޭކޭ އެއް ފަދައިން މިއަހަރުގެ ބާޒާރުގައި ވެސް ކެއުން ބުއިމަށް ހާއްސަ ކެންޓީނުތައް ރަނގަޅު ފެންވަރެއްގައި ހިންގުމަށް އެފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ނައިޓް މާކެޓް މިރެއިން ފެށިގެން މިމަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރު ބާޒާރު ހުޅުވިފައި ހުންނަނީ ހަވީރު 4:00 ން ރޭގަނޑު 12:00 އަށެވެ.